ޚަބަރު

ކައުންސިލް ބައި އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފި


  • 6 ދާއިރާއެއްގެ ވޯޓުލުން ދަނީ ކުރިއަށް

  • މާލޭގެ 7 ފޮއްޓެއްގެ ވޯޓުލުން ވަގުތަށް ނުފެށޭ

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާގޮތުގައި މިއަދު ހެނދުނު 8:00 ގައި ގިނަ ފޮށިތަކުގައި ވޯޓުލުން ފަށާފައިވާ ކަމަށެވެ. މި ބައި އިލެކްޝަންގައި 25 ފޮށި ބަހައްޓާފައިވާއިރު މީގެ ތެރެއިން ވޯޓުލުން ފަށާފައިވަނީ 18 ފޮށީގެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، 7 ވޯޓު ފޮއްޓެއްގެ ވޯޓުލުން ވަގުތަށް ނުފެށުނީ ވޯޓުލާން މީހުން ނުދާތީ ކަމަށެވެ. ވޯޓުލުން ނުފެށެނީ މާލޭގެ 7 ފޮއްޓެއްގައެވެ.

މިއަދުގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށެވެ.

ވޯޓުލުން ކުރިއަށްދަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ރ. ރަސްމާދޫ އަދި ފ. ބިލެތްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

ވޯޓުލުން ކުރިއަށްދާ ދާއިރާތައް:

• ހެންވޭރު ހުޅަނދު ދާއިރާ
• މައްޗަންގޮޅި މެދު ދާއިރާ
• ހުޅުމާލެ ދާއިރާ
• ކުޅުދުއްފުށި އުތުރު ދާއިރާ
• ރަސްމާދޫ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑި
• ބިލެތްދޫ ކައުންސިލްގެ ރައީސް

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކުގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ޖަމާލުއްދީން ސްކޫލާއި، ހެންވޭރު ދަނޑާއި، ހުޅުމާލެ ރެހެންދި ސްކޫލާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައެވެ.