ޚަބަރު

ތައުޙީދުގެ މަތިވެރި އަސާސްގައި ހިފަހައްޓައިފިނަމަ، ކާމިޔާބު ބަޔަކަށްވާނެ: ޚުޠުބާ


  • މިއަދުގެ ޚުޠުބާގެ މައުޟޫއަކީ، "ތައުޙީދު"

ހަމައެކަނި މާތް ﷲ ވޮޑިގެންވާކަން ޤަބޫލުކުރުމަކުން މަންފާއެއް ނުކުރާނެ ކަމަށާއި، މާތް ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝިރުކުގެ އެންމެހައި ޢަމަލަކުން ދުރުހެލިވާން ޖެހޭ ކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުޠުބާގެ މައުޟޫއަކީ، "ތައުޙީދު" މިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ އިސްލާމްދީނުގެ އަސާސަކީ ތައުޙީދުކަމަށެވެ. އެއީ އެންމެ ފުރަތަމަ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް އެ ކަމަކަށް އީމާންވުމަށް އަމުރުކުރައްވާއިފައިވާ ކަންކަމަށެވެ. އަދި، އެންމެހައި ޖިންނީންނާއި އިންސީން އެކަމަކަށްޓަކައި ހެއްދެވުނު މަޤްޞަދަކީވެސް އެއީކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މާތް ﷲ ފޮނުއްވި ހުރިހާ ނަބިއްޔުންނާއި ރަސޫލުންވެސް ވަޑައިގެންނެވީ ތައުޙީދުގެ މަތިވެރި އަޤީދާއާއިގެންކަމަށާއި އެކަލާނގެ ބާވައިލެއްވި އެންމެހައި ފޮތްތައް ބާވައިލެއްވުނީ މި މާތް އަޞްލުގެ މަތީގައިކަމަށް ޙުޠުބާގައި ވިދާޅުވިއެވެ.

"ތައުޙީދަކީ މާތް ﷲ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝިރުކުގެ އެންމެހައި ޢަމަލަކުން ދުރުހެލިވެ ރައްކައުތެރިވުން. މިގޮތުން ތައުޙީދުގެ ބައިތަކުގެ ތެރޭގައި ހިމެނޭ ތިން ބައިގައި ވެސް އެކަލާނގެ އެއްކައުވަންތަކޮށްގެން މެނުވީ މިމަތިވެރި ޢަޤީދާ ޙާޞިލެއް ނުކުރެވޭނެއެވެ. އަޅުތަކުންގެ މައްޗަށްވާ މާތް ﷲގެ އެންމެ މަތިވެރި ޙައްޤަކީ އެކަލާނގެއަށް ޝަރީކުނުކޮށް ހުރިހައި މާނައެއްގައި އެކަލާނގެ އެއްކައުވަންތަކުރުން،" ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ޙަދީޘްތަކުގެ ޢަލީގައި ޢިލްމުވެރިން ތައުޙީދު ބައްސަވާފައިވާ ފުރަތަމަބަޔަކީ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައުވަންތަ ކުރުންކަމަށެވެ. ތައުޙީދުގެ ދެވަނަ ބަޔަކީ ހުރިހައި އަޅުކަމެއް ހަމައެކަނި މާތް ﷲއަށް އަދާކުރުންކަމަށެވެ. އަދި ތައުޙީދުގެ ތިންވަނަ ބަޔަކީ ތައުޙީދުލްއަސްމާއި ވައްޞިފާތު ނުވަތަ އެންމެ ފުރިހަމަވެގެންވާ، މަތިވެރި ނަންފުޅުތަކާއި ސިފަފުޅުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަން ޤަބޫލުކުރުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ތައުޙީދުގެ މި ތިން ބައިގައި ވަރުގަދަޔަށް ހިފަހައްޓައިގެން މެނުވީ، އެންމެ ފުރިހަމަ ގޮތުގައި ﷲ އެއްކައުވަންތަކުރާ މީހަކަށް ނުވާނެކަމަށެވެ. އަދި ހަމައެކަނި ﷲ ވޮޑިގެންވާކަން ޤަބޫލުކުރުމަކުން މަންފާއެއް ނުކުރާނެ ކަމަށް ވިދާޅުވިވއެވެ.

" މައްކާގެ މުޝްރިކުން ވެސް މާތް ﷲ ވޮޑިގެންވާކަމަށް އީމާންވިއެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު ސުވާލުކުރައްވައިފި ނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. ﷲއެވެ." ނަމަވެސް ހަމައެކަނި މާތް ﷲ ވޮޑިގެންވާކަން ޤަބޫލުކުރުމަކުން އެބައިމީހުންނަކަށް މަންފާއެއް ނުކުރިއެވެ. އެހެނީ އެއުރެން އަޅުކަން ކުރުމުގައި މާތް ﷲ އެއްކައުވަންތައެއް ނުކުރޭ" ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ކީރިތި ރަސޫލާ މައްކާގައި ހޭދަކުރެއްވި ތޭރަ އަހަރުގެ ދިގު މުއްދަތުގައި ދަޢުވަތުގެ، އެންމެ މުހިންމު ބަޔަކީ، އެބައިމީހުންގެ މެދުގައި ފެތުރިފައިވާ މާތްﷲގެ އެއްކައުވަންތަކަމާ ޚިލާފު، ޝިރުކުގެ ޢަމަލުތަކުން އެއްކިބާވާން ގޮވައިލެއްވުމުން ކަމަށެވެ.

ތައުޙީދުގެ މަތިވެރި އަސާސްގައި ހިފަހައްޓައިފި ނަމަ، އަހުރެމެންނަކީ ކާމިޔާބުވެފައިވާ ބަޔަކަށްވާނެކަން ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ.