ޚަބަރު

ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ


  • ރައީސުލްޖުމްހޫރިއްޔާވަނީ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ކެތްތެރިވުން އެދި ދުޢާކުރައްވާފައި

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ތަޢުޒިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށެވެ. އަދި ރައީސް ޞާލިހްގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާވަނީ ދުޢާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމާ މުއުމިނާ ޙުސައިންފުޅު ލެހައްޓެވުމަށް އެދި ދުޢާ ކުރައްވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ މަންމާފުޅު އަވަހާރަވުމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރައީސް ޞާލިޙްގެ ލޮބުވެތި މަންމާފުޅު އަވަހާރަވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކުކަމަށެވެ.


ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް އަންނަނީ ރައީސް ޞާލިހްގެ އާޢިލާއަށް ތަޢުޒިޔާ ފޮނުވަމުންނެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ ރައީސް ޞާލިޙްގެ ޢާއިލާއަށް ތައުޒިޔާ ދަންނަވައި ހެޔޮ ދުއާ ރައްދުކުރާކަމަށެވެ. އަދި ރައީސް ޞާލިޙުގެ މަންމާފުޅުގެ ޖަނާޒާގެ އެންމެހައި ކަމެއް އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި، އެމްޑީޕީގެ ކުރީގެ މެންބަރުންވެސް އަންނަނީ ރައީސް ޞާލިޙްގެ އާޢިލާއަށް ތަޢުޒިޔާ ފޮނުވަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް ޞާލިހްގެ މަންމާފުޅަކީ އެމަނިކުފާނަށް ހެޔޮ ނަސޭހަތް ދެއްވި ބޭފުޅެއްކަން ފާހަގަކުރައްވާ އެކަމަނާ އަވަހާރަވުމުން އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަލްއުސްތާޛް މަޢޫމޫން ޢަބްދުލްޤައްޔޫމްވެސް ވަނީ ރައީސް ޞާލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަވަނިކޮށެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 80 އަހަރެވެ.