ޚަބަރު

ދިވެހިންނަށް ވީޒާއާނުލައި ތައިލޭންޑުގައި 60 ދުވަހު ތިބެވޭގޮތަށް ހަމަޖައްސައިފި


  • ކުރިން ވީޒާއާ ނުލާ ތިބެވެނީ 30 ދުވަހު

  • ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރުކުރުމަށް ހުށައެޅޭނެ

  • ދަތުރަށްފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސެއް ހޯދުން މުހިންމު

ރާއްޖެއިން ތައިލެންޑަށް ދަތުރުކުރާ ދިވެހީންނަށް ވީޒާ ނެގުމަކާނުލައި 60 ދުވަހު ތައިލެންޑުގައި ތިބެވޭނެގޮތް ހަމަޖެހިއްޖެއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ ތައިލެންޑުގެ އިމިގްރޭޝަން އުޞޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ތައިލެންޑް ސަރުކާރުން ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން، ރާއްޖެއާއި ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވީޒާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވީޒާއާ ނުލައި 60 ދުވަހު ތައިލެންޑުގައި ތިބެވޭގޮތަށް މިހާރު ހަމަޖައްސާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ

ޚާރިޖީ ވުޒާރާއިން ވިދާޅުވީ 60 ދުވަހަށް ވީޒާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ޙާލަތެއް މެދުވެރިވެއްޖެނަމަ، ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހަށް ވީޒާގެ މުއްދަތު އިތުރުކޮށްދޭގޮތަށްވެސް ހަމަޖެހިފައިވާކަމަށެވެ.

ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ދަތުރަށްފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސެއް ހޯދުމަށާއި، ރާއްޖެއިން ބޭރުގައި އުޅޭއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.