ޚަބަރު

އުރީދޫ މަސްރޭސް މިފަހަރު 3 ސަރަޙައްދެއްގައި، ވަރަށް ފޯރިގަދަވާނެ


  • މަސްރޭސް ބާއްވަނީ ކ.ހިންމަފުށީ، ޅ. ނައިފަރު، އަދި ތިނަދޫ ސިޓީގައި

  • މަސްރޭހުގައި ބައިވެރުވުމަށް މަސްރޭސް ޕޯޓަލްއިން ރަޖިސްޓަރވެވޭނެ

  • ކޮންމެ ސަރަޙައްދަކުންވެސް 16 ޓީމު ވާދަކުރާނެ

އުރީދޫ މަސްރޭސް 2024 މިއަހަރު އޯގަސްޓްމަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އުރީދޫގެ މިފަހަރުގެ މަސްރޭސް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ކުލަގަދަ އަދި ފޯރިގަދަ މަސްރޭހަށްވާނެކަމަށް އެކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ.ހިންމަފުށްޓާއި، ޅ. ނައިފަރުގެ އިތުރުން ތިނަދޫ ސިޓީގައިކަމަށެވެ. އުރީދޫން ބުނީ 3 ސަރަޙައްދެއްގައި މަސްރޭސް ކުރިއަށް ގެންދިޔުމަށް ނިންމި މައިގަނޑު ސަބަބަކީ މަސްރޭހުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުންކަމަށެވެ. އުރީދޫގެ މެނޭޖްމަންޓުންވަނީ މަސްރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ މީހުންނަށް ދަޢުވަތު އަރުވާފައެވެ.

އުރީދޫ މަސްރޭހަކީ ފެށުނީއްސުރެ މަސްވެރިކަމުގެ އުފާވެރި މާޙައުލުގެ ތެރެއިން އެއްބައިވަންތަކަމުން ރޫޙު އާލާވާކުރުވާ އަދި ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާ ރޭހެކެވެ. މިފަހަރުގެ މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާއާއި ގުޅިގެންނެވެ. “މަސްރޭސް ޕޯޓަލް” މެދުވެރިކޮށް ރޭހުގައި ބައިވެރުވުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަސްޖިސްޓްރީ ވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

މަސްރޭހުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 24ވަނަ ދުވަހުގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 8 - 12 ދެމެދުގެ ޢަދަދަކަށް މެމްބަރުން ތިބެންވާނެކަމަށްވެސް އުރީދޫއިން ބުނެއެވެ. އުރީދޫއިން ކުރިއަށްގެންދާ މަސްރޭސް ހިންމަފުށީގައި ބާއްވަނީ އޯގަސްޓް މަހުގެ 9 ވަނަ ދުވަހުގައެވެ. ތިނަދޫގައި 16 ވަނަ ދުވަހު އަދި ނައިފަރުގައި އޯގަސްޓް 23 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިއިން ކޮންމެ ރަށަކުންވެސް 16 ޓީމު ވާދަކުރާނެކަމަށާއި، އިތުރު ޓީމުތައް ކުރިމަތިލާނަމަ ބައިވެރިވާނެ 16 ޓީމު ހޮވާނީ ގުރުއަތުލައިގެންކަމަށް އެކުންފުނިން ބުންޏެވެ. އަދި ނުހޮވޭ ފަރާތްތަކަށް ފުރިހަމަ ރީފަންޑެއް ލިބޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިފަހަރުގެ މުބާރާތުގައި އެއްވަނައަށް ދާޓީމަށް 25000 ރުފިޔާ އަދި ދެވަނަ ޓީމަށް 10000 ރުފިޔާގެ އިތިރުން ތިނަވަނައަށް ދާޓީމަށް 5000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އެންމެ މޮޅު މަސްވެރިޔާއާއި އެންމެ މޮޅު ފިޝަރވުމަން ހޮވާ، އެއިން ކޮންމެ މީހަކަށް 1000 ރުފިޔާގެ އިނާމެއް ދިނުމަށްވަނީ ކަނޑައާޅާފައެވެ.