ޚަބަރު

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރިޕޯޓްކުރަން އޮންލައިން ޚިދުމަތެއް ތަޢާރަފްކޮށްފި


  • މި ފްލެޓްފޯމް މެދުވެރިކޮށް 24 ގަޑިއިރު މައްސަލަ ރިޕޯޓް ކުރެވޭނެ

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާހުކޮށްފިއެވެ. ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދެވެ. ޝަމްޢާން ވިދާޅުވީ، މި ޚިދުމަތަކީ އާންމުންނަށް އިމިގްރޭޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ފަދަ ޕްލެޓްފޯމެއް ކަމަށެވެ. އެގޮތުން މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރެވޭނެ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.

"މި ޕްލެޓްފޯމް ބޭނުންކޮށްގެން ކޮންމެހެން ނުޖެހޭ ތިބޭފުޅުންގެ އަމިއްލަަ އައިޑެންޓިޓީ ފާހަގަކުރާކަށް، އައިޑެންޓިޓީ ފާހަގަ ނުކޮށްވެސް އެނޮނިމަސްކޮށްވެސް ތިބޭފުޅުންނަށް ރިޕޯޓް ކުރުމުގެ ފުރުޞަތު އެބައޮތް" ޝަމްޢާން ވިދާޅުވިއެވެ.

ޝަމްޢާން ވިދާޅުވީ މި ޕްލެޓްފޯމާއެކު އާންމުންނާ ގުޅިގެން ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތަކެއް ހުރިއިރު، އާންމުންނަށް ބޭނުންވާ ބައެއްކަހަލަ މައުލޫމާތު ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.


"މި ފްލެޓްފޯމް މެދުވެރިކޮށް 24 ގަޑިއިރު ރިޕޯޓް ކުރެވޭނެ މަގު ފަހިވެގެންދާނެ. މި ފްލެޓްފޯމަށް ފޮޓޯ ވެސް ހުށަހެޅޭނެ. އަދި ބޭނުންވާ އިތުރު މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ވެސް ލިބޭނެ" ޝަމްޢާން ވިދާޅުވިއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް މައްސަލަ ރިޕޯޓްކުރުމަށް Imuga.immigration.gov.mv އަށް ވަދެ، އިމިގްރޭޝަން ވޮޗް ޚިޔާރުކޮށް، މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މައްސަލަތައް ރިޕޯޓް ކުރެވޭނެއެވެ.

ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.