ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 118 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މީގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ މީހުންނަށް އަމާޒުކޮށްގެން މިފަހުން 42 ރެއިޑް އޮޕަރޭޝަން ހިންގާފައިވާނެ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިއަދާ ހަމައަށް 2069 ބިދޭސީން ފުރުވާލާފައިވާ ކަމަށެވެ.
ޝަމްޢާން ވިދާޅުވީ މިފަހުން ހިންގި 42 ރެއިޑް އޮޕަރޭޝަންގައި 118 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީޕް އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މިބިދޭސީން ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، މިހާތަނަށް އިމިގްރޭޝަނުން ފާސްކުރި ތަންތަނުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ.
* 6 މާރުކޭޓް
* 7 ރީޓެއިލް ފިހާރަ
* 17 ޓޭކްއަވޭ ތަންތަން
* 3 ސްޕާ
* 5 ރެސްޓޯރެންޓް
* 1 ކެފޭ
* 3 މޯބައިލް ފިހާރަ
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގައި މިވަގުތު ތިބި ބިދޭސީން ގަވާއިދަށް ފެއްތުމަށްދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަމުންދާނެ ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީވެސް ޤާނޫނީ ކުށެއް ކަމަށާއި، އެފަދަ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދުވަނީ މީގެކުރިން ދެއްވާފައެވެ.