ޚަބަރު

ހުއްދަ ނުހޯދައި އޮންލައިން ކޯސްތައް ހިންގާނަމަ ފިޔަވަޅު އަޅާނަން: އެމްކިޔުއޭ


  • ހުއްދަ ނުހޯދައި އޮންލައިން ޕްރޮގްރާމްތައް ހިންގާކަމުގެ ޝަކުވާތައް ދަނީ ލިބެމުން

  • އޮންލައިންކޮށް ކޯސްތައް ހިންގޭނެ ޕްރޮގުރާމްތައް އެމްކިޔުއޭގެ ވެބްސައިޓުން ފެންނާނެ

މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހުއްދަ ނުހޯދައި އޮންލައިން ކޯސްތައް ހިންގާނަމަ، ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ވިދާޅުވެއްޖެއެވެ.

އެމްކިޔުއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އީ-ލާނިންގ ހުއްދަ ނުހޯދައި ޕްރޮގްރާމްތައް އިސްތިހާރުކޮށް، ހިންގާކަމުގެ ޝަކުވާތަކެއް އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ.

ކޯވިޑް-19 ގެ ދުވަސްވަރު އޮންލައިންކޮށް ޕްރޮގްރާމްތައް ނުވަތަ ކޯސްތައް ހިންގުމުގެ ހުއްދަ އެމްކިޔުއޭއިން ދިނެވެ. މި ހުއްދަ ބާޠިލްކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްކިޔުއޭގެ ބަޔާނުގައިވަނީ ކޯވިޑް-19 ގެ ދުވަސްވަރު ދިން ހުއްދަ ބާޠިލުކޮށް، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާޢިދާއި އީ-ލާނިންގ ގައިޑްލައިން ނުވަތަ އޮންލައިންކޮށް ޕްރޮގްރާމްތައް ހިންގުމުގެ އުޞޫލުތައް ގެޒެޓުގައި ޝާޢިރުކުރެވިގެންދިއުމާއެކު އޮންލައިން ކޯސް ނުވަތަ ޕްރޮގްރާމްތައް ހިންގަން އެމްކިޔުއޭގެ ހުއްދައަށް އެދެންޖެހޭނެކަމަށް އެމްކިޔުއޭގެ ބަޔާނުގައިވެއެވެ. އަދި ގިނަ ފަރާތްތަކުން އޮންލައިން ޕްރޮގްރާމްތައް ހިންގަން ހުއްދައަށް އެދޭކަންވެސް އެމްކިޔުއޭއިން ފާހަގަކުރެއެވެ.

އެމްކިޔުއޭއިން ވިދާޅުވީ، ކޯހެއްގައި ބައިވެރިވުމުގެ ކުރިން، އެ ކޯސް ހިންގާ ތަނަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.

އަދި އެ ޕްރޮގްރާމަކީ އެމްކިޔުއޭއިން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން ކަށަވަރުކުރަންޖެހޭކަމަށާއި އެ ޕްރޮގްރާމެއްގެ "ޑެލިވަރީ މޮޑަލިޓީ", އެ އޮތޯރިޓީގެ ވެބްސައިޓްގެ ކޮލިފިކޭޝަންސް ރަޖިސްޓްރީއިން ކަށަވަރުކުރުމަށްފަހުގައި ކިޔެވުން ކުރިއަށްގެންދަން އެމްކިޔުއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކްރެޑިޓް ކޮށްފައިނުވާ ޕްރޮގްރާމަކުން ހާސިލްކުރާ ސަނަދެއް އެމްކިޔުއޭއިން ޤަބޫލުނުކުރާނެކަމަށްވެސް އެމްކިޔުއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެމްކިޔުއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމްތައް އިސްތިހާރުކޮށް ހިންގާނަމަ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދު"ގެ ދަށުން ފިޔަވަޅު އަޅުއްވާނެކަމަށްވެސް އެމްކިޔުއޭގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އެމްކިޔުއޭ ޤަބޫލުކުރާ ފެންވަރުގެ އޮންލައިން ޕްރޮގްރާމްތައް ހިންގޭނީ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި އޮންލައިންކޮށް ކޯހެއް ހިންގޭނެކަމުގެ ޤާބިލިއްޔަތު ހުރިތޯ ސީދާ އެމްކިޔުއޭއިން ބެލުމަށްފަހު، އެ އޮތޯރިޓީން ދޭ ހުއްދައަކާއެކުއެވެ.