މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަލީ ޙާޝިމް މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ބުނެ، ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރެއްވުމަށް މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއާ ގުޅިގެން އެމައްސަލަ ދިރާސާކުރުމަށް އެކޮމިޓީއަށް ފޮނުވުމުން، ޖަވާބުދާރީ ވުމުގެ ފުރުޞަތު ގަވަރަނަރަށް ދެއްވުމަށްފަހުގައެވެ.
މިއަދު ބޭއްވި މާލީއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީ މުޤައްރިރު މާމިގިލީ ދައިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވީ، މިމައްސަލައިގައި ޖަވާބުދާރީ ވުމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއަށް ތިން ފަހަރު މަތިން ފުރުޞަތު ދެވިފައިވާ ކަމަށެވެ. މިމައްސަލާގައި އެންމެ ފަހުން ގަވަރުނަރު ލިޔުމުން ދެއްވާފައިވާ ޖަވާބުގެ އިތުރަށް އިތުރު ކަމެއް މެންބަރުން ސާފު ކުރަން ބޭނުންވާނަމަ ލިއުމުން އެކަމަށް ޖަވާބުދާރީވާނެކަން ގަވަރުނަރު ވަނީ އަންގާފައެވެ.
މިކަމުގައި ލިއުމުން ޖަވާބުދާރީވުމަށް ގަވަރަުނަރަށް އިތުރު ފުރުޞަތެއް ދިނުމާއި ގުޅޭގޮތުން ކޮމެޓީގެ މެންބަރުންގެ މެދުގައި ވަނީ ވޯޓަށް އަހާފައެވެ. އެވޯޓުގައި މެންބަރުންގެ އަޤުލަބިއްޔަތުން ނިންމީ އިތުރަށް ފުރުޞަތެއް ދޭން ނުފެންނަކަމަށެވެ.
އެއަށްފަހު ކޮމިޓީގައި ދިއްގަރު ދައިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ގަވަރުނަރު މަޤާމުން އަލީ ޙާޝިމް ވަކިކުރުމަށް ރައީސުލްޖުމުހޫރިއްޔާއަށް ލަފާދޭން ފާސްކުރުމަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުއްވުމުގެ ކުރިން ގަވަރުނަރު އަދާކުރަން ޖެހޭ ޒިންމާތައް އަދާ ނުކުރާ ކަމަށް ބުނެ، އިދާރާތަކުން ދިފައިވާ ޖަވާބުތައްވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެމްއެމްއޭއިން ހަދަން ޖެހޭ ޤަވާއިދުތައް އަދާހަމަ ނުކުރުމާއި، މާލީ ވުޒާރާއާއި އެމްއެމްއޭ ދެމެދު އެކަށީގެންވާ ވަރަށް މަޝްވަރާ ނުކުރެވި ކަންކަން މިހާތަނަށް ނިންމިފައި ހުރިކަން ފާހަގަކުރެއްވިއެވެ.
އެހެން ކަމުން އެމްއެމްއޭގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގެ ޤާބިލީއްޔަތުކަން މިހާރުގެ ގަވަރުނަރު އަލީ ހާޝިމް ގައިގައި ނެތްކަން ކޮމެޓީއަށް ސާބިތުވާކަމަށާއި، އެއާއެކު ގަވަރުނަރު މަޤާމުން ވަކިކުރުމަށް ރައީސުލްޖުމުހޫރިއްޔާއަށް ލަފާ ދެއްވުމަށް ނާޒިމް ހުށަހެޅުއްވިއެވެ.
މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެއްލުއްވި އެ ހުށަހެޅުން ކޮމެޓީގެ މެންބަރުން އަޤުލަބީއްޔަތުން ވަނީ ފާސްކޮށްފައެވެ.
ގަވަރުނަރު މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފައިވާރު ތިން ދުވަސް މަތިން ކޮމިޓީ އަށް ވަޑައިގެންނެވުމަށް ފުރުސަތު ދިނުމުން ވެސް ގަވަރުނަރު ކޮމިޓީއަށް ވަޑައިނުގެންނެވުމަކީ، އިޤްތިޞާދީ ގޮތުން ޤައުމު ވަރަށް ނާޒުކު ހާލަތެއްގައި އޮތް ދުވަސް ވަރެއްގައި ވިސްނާލަންޖެހޭ ކަމެއް ކަމަށް ކޮމިޓީގެ މުޤައްރިރު، މާމިގިލި ދާއިރާގެ މެންބަރު ވަނީ ވިދާޅުވެފައެވެ.
ގަވަރުނަރު މަޤާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމުމނާއި ގުޅިގެން ގަވަރުނަރު ވަނީ ރާއްޖޭއަށް އިޤްތިޞާދީ ކާރިސާއެއްގެ ބިރު ބޮޑުވެފައިވުމުގެ މައިގަނޑު ސަބަބަކީ، މަރުކަޒީ ބޭންކާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދިން އިރުޝާދާއި ލަފައަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ޢަމަލު ނުކުރުމުންކަމަށެވެ.