ޚަބަރު

ބްރޫނާއީގައި ބާއްވާ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ދިވެހި އިމާމުން ފުރައިފި


  • މި ތަމްރީންތަކުގައި 20 އިމާމަކު ބައިވެރިވޭ

  • މި ތަމްރީނު އޮންނާނީ ބްރޫނާއީގެ ޤައުމީ އިސްލާމީ ޔުނިވަރސިޓީގައި

ބޭރު ޤައުމުތަކުގައި އިސްލާމްދީނުގެ ދައިރާއިން ތަމްރީނު ހޯދުމުގެ ފުރުޞަތުގެ ދަށުން، ބްރޫނާއީގައި ތަމްރީންވުމަށް ރާއްޖޭގެ 20 އިމާމަކު ފުރައިފިއެވެ.

ބްރޫނާއީގައި ދިވެހި އިމާމުން ތަމްރީންވުމުގެ ފުރުޞަތު ލިބިފައިވާކަން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވީ، މިމަހުގެ އެއްވަނަ ދުވަހުއެވެ. އިމާމުންނަށް ބާއްވާ މި ތަމްރީނު އޮންނާނީ ބްރޫނާއީ ދާރުއްސަލާމްގައި ހުންނަ ޤައުމީ އިސްލާމީ ޔުނިވަރސިޓީ، ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީގައެވެ.

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ އިމާމުން ފުރުމުގެ ކުރިން، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ އެފަރާތްތަކާ ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުންދާ 3 ވަނަ ފަހަރެވެ. މިގޮތުން މިއަހަރު 60 އިމާމުންވަނީ ރާއްޖެއިން ބޭރަށް ފޮނުވިފައިވާކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.


ވަޒީރު ވިދާޅުވީ، އިމާމުންގެ ތަމްރީނު ޕްރޮގްރާމްގެ ދަށުން މިއަހަރު އިންޑޮނޭޝިއާ، މެލޭޝިއާ އަދި ކުވައިތަށް އިމާމުން ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ޢިލްމުވެރިންނާއި އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢު ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.

މި މަޝްރޫޢުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައި ވަނީ ސަޢުދީ ޢަރަބިއްޔާ، މިޞްރު، މެލޭޝިއާ އަދި ބްރޫނާއިގެ އިތުރުން އިންޑޮނޭޝިއާއަށްވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން ލިބުނު ފުރުޞަތުތަކުގެ ތެރެއިން މިހާތަނަށް އިމާމުންނާއި ޙާތިބުންގެ ތެރެއިން 20 މީހަކު ފެބްރުއަރީ މަހު ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރިއިރު، މިދިޔަ މޭއި މަހު އިތުރު 18 މީހެއް ދެވަނަ ބުރުގައި ސަޢުދީއަށް ގޮސްފައިވެއެވެ.