ޚަބަރު

ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގައި ކަސްޓަމްސްގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި


  • ސަސްޕެންޑްކުރީ ސްކޭން ކުރާ މެޝިން ކައިރީ ހުރި ކަސްޓަމްސްގެ މުވައްޒަފެއް

  • ޤަވައިދާ ހިލާފަށް އެތެރެކުރި 1.6 މިލިޔަން ރުފިޔާގެ ސިނގިރޭޓް އަތުލައިގަތީ މިއަހަރުގެ ޖޫން މަހު

އެއާ ކާގޯއިން ވަގަށް ރާއްޖެއަށް އެތެރެކުރި ސިނގިރޭޓުތަކެއްގެ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަސްޓަމްސްގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ޤަވައިދާ ޚިލާފަށް އެތެރެކުރި 1.6 މިލިޔަން ރުފިޔާގެ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގަތީ މިއަހަރުގެ ޖޫން މަހުގައެވެ. ކަސްޓަމްސް އިން އޭރު ވިދާޅުވީ، ކަސްޓަމްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް، ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުހުމަތު ކުރެވިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނުގައި 173 ކާޓަން ނުވަތަ 1.7 މިލިޔަން ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވީ، މި ފަހުން ސިނގިރޭޓް ކޮންޓެއިނަރެއްގެ އިތުރުން އެއާ ކާގޯއިން ވެސް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެކަން ކުރި މީހުން ހޯދުމަށްޓަކައި އެ ޝިޕްމަންޓުން ބައެއް މާލެ ތެރެއަށް ދޫކޮށްލި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއާ ކާގޯއިން ވެސް ހަމަ ސިނގިރޭޓު، އަތުލައިގަތިން. އަޅުގަނޑުމެން އޭތި، ކުޑަކޮށް އެއްބައި އެއްޗެހި ދޫވެސް ކޮށްލިން. މިހާރު އެއީ ޕޮއިންޓުން ކެޕްޗާކޮށްފިއްޔާ އަޅުގަނޑުމެންނަކަށް ނޭނގޭ އެއީ ކޮން ބައެއްގެ ހިއްސާވާ އެއްޗެއް ކަމެއް. އެ ހިސާބުން އެ ކަންތަކުގައި އެ ވަގުތު އެތާ އުޅޭ މީހުން އެކަނި އަޅުގަނޑުމެންނަށް އެނގޭނީ." މާނިޢު ވިދާޅުވިއެވެ.

އެ މައްސަލާގައި ސަސްޕެންޑްކުރީ ސްކޭން ކުރާ މެޝިން ކައިރީ ހުރި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށް މާނިޢު ވިދާޅުވިއެވެ.

ވަގަށް ރާއްޖެއަށް އެތެރެކުރި ސިނގިރޭޓުތަކުގެ ލަފާ ކުރެވޭ މާކެޓް ވެލިއު އަކީ 1.6 މިލިޔަން ރުފިޔާ ކަމަށްވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިޔަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކަސްޓަމްސް އިން ވިދާޅުވެފައެވެ.

މީގެއިތުރުން ޓިޝޫކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ ސިނގިރޭޓުތަކެއް ވެސް ޖޫން މަހު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. އެ ޝިޕްމަންޓަކީ މިދިޔަ މެއި މަހުގެ 19ވަނަ ދުވަހު ރާއްޖެ އައި ޝިޕްމަންޓެއް ކަމަށާއި، އެ ޝިޕްމަންޓްގައި ޑިކްލެއަރ ކޮށްފައިވަނީ 343 ކަރޓަން ޓިޝޫ ޕޭޕަރ ކަމަށް ބުނެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އެ މުއައްސަސާގެ ކަމާގުޅޭ އެކި ސެކްޝަންތައް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނުގައި ޝިޕްމަންޓުގައި ހިމެނޭ މުދާ ބަލައި ފާސްކުރިއިރު 143 ކަރޓަންގެ ޓިޝޫއާއެކު 200 މާސްޓަރ ކަރޓަންގެ ސިނގިރޭޓުވެސް ފެނިފައިވާކަމަށެވެ. އަދި ޖުމްލަ އަތުލައިގަތް ސިނގިރޭޓުގެ އަދަދު 3،199،200 އަށް އަރާކަމަށެވެ.

ރާއްޖެއަށް އެތެރެކުރެވޭ މުދަލާ ގުޅޭގޮތުން ކަސްޓަމްސްގެ ޤާނޫނު ތަންފީޒުކުރުމުގައި ފަސް ނުޖެހޭނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއެވެ.