ޚަބަރު

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރަތުގެ 1 ވަނަ: ޔަޢީޝް، ޝައިބާ، ޝާޔާއަށް


  • މުބާރާތުގައި 128 މުޢައްސަސާއެއް ބައިވެރިވެ

  • 992 ދަރިވަރުން ކިޔެވި

  • 32 ޙާފިޒަކަށް ރަންތާޖް ދިން

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ، އެއްވަނަ ޔައީޝް މުޙައްމަދު ނިޔާޒްއާއި އައިޝަތު ޝައިބާ އާދަމްއާއި ފާތިމަތު ޝާޔާ ޒާހިރު ހާސިލްކޮށްފިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ އެކި ވަނަތަކަށް އައި ފަރާތްތަކަށް އިނާމާއި ހަނދާނީ ފިލާ ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފްއާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި 128 މުއައްސަސާއަކުން 992 ބައިވެރިން ވަނީ ކިޔަވާފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 579 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ބައިން 398 ބައިވެރިންގެ އިތުރުން ޙާފިޒުންގެ ގޮފިން 15 ބައިވެރިންނެވެ.

މި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކޮށްފައިވަނީ ކެލާ ޔޫތު ފޯރަމްގެ ފަރާތުން ވާދަކުރި ޔަޢީޝް މުޙައްމަދު ނިޔާޒެވެ. އަދި މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކޮށްފައިވަނީ ތާޖުއްދީން ސްކޫލުގެ ދަރިވަރު ޢާއިޝަތު ޝައިބާ އަޙްމަދެވެ. މީގެ އިތުރުން ޙާފިޒުންގެ ބައިން މުޅި މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ އިސްކަންދަރު ސްކޫލުގެ ދަރިވަރު ފާޠިމަތު ޝާޔާ ޒާހިރުއެވެ. މި މުބާރާތުގައި ބައިވެރިވި މުޢައްސަސާތަކުގެ ތެރެއިން އެއްވަނަ ހާސިލްކޮށްފައިވަނީ އިސްކަންދަރު ސްކޫލްއެވެ.

މި ރަސްމިއްޔާތުގައި ވަނީ ކީރިތި ޤުރުއާން ހިތުދަސްކުރި 32 ފަރާތަކަށް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ދޭ ރަންތާޖު ރައީސުލްޖުމްހުރިއްޔަ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ އެކި ކެޓަގަރީތަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ހޮވުނު ދަރިވަރުންނަށްވެސް އިނާމް ދެއްވާފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތު ކުރިއަށް ގެންގޮސްފައިވަނީ ޖޫން 29އިން ޖުލައި 7 ވަނަ ދުވަހާ ހަމައަށެވެ. މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައެވެ.

ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން އެ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންގޮސްފައިވާއިރު، ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދިޔައީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕަރޕަސް ހޯލްގައެވެ.