ޚަބަރު

ސްކޭމް މައްސަލަތަކާ ގުޅިގެން އެސްއޯއީ ކޮމެޓީއަށް 4 އިދާރާއެއް ހާޒިރު ކުރަނީ


  • ހާޒިރު ކުރަނީ ބީއެމްއެލް، އެމްއެމްއޭ، ދިވެހި ފުލުހުން އަދި ކަރެކްޝަންސް

  • ބީއެމްއެލްގެ ބައެއް ސިޔާސަތުތަކާއި ގުޅޭގޮތުން މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި

އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުން ފަދަ ސްކޭމްގެ މައްސަލަތަކާ ގުޅިގެން 4 އިދާރައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް، ކޮމިޓީއަށް ހާޒިރުކުރަން އެކޮމެޓީން ނިންމައިފިއެވެ.

އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ މިދިޔަ 19 ވަނަ މަޖިލީހުގައި އެސްއޯއީ ކޮމިޓީން ބަލައި ނިންމާފައިވާ ގޮތުގެ ރިޕޯޓާ މެދުގައި މަޝްވަރާކުރުމަށް ހުޅުވާލިއެވެ. އެ މައްސަލައިގެ ތެރެއިން ބީއެމްއެލްއާއި ގުޅުން ހުރި އިތުރު މައްސަލަތަކެއް ކޮމެޓީގެ މެންބަރުން ވަނީ ފާހަގަކޮށްފައެވެ.

ކުރީގެ ކޮމިޓީގެ ރިޕޯޓުގައި ހުރި ހުށަހެޅުންތަކަށް ބަލައި އެކަމާ ގުޅުން ހުރި އިދާރާތަކުން މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ހިސާބާއި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށްޓަކައި އެ މައްސަލަ ބެލުމަށް، މި ހިނގާ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމްއެވެ.


އެ މައްސަލާގައި ބީއެމްއެލް ހާޒިރުކޮށް ސުވާލުކުރުމަށް މާވަށު ދައިރާގެ މެންބަރު އަހުމަދު ޝާކިރު ހުށަހެޅިއެވެ. މި މައްސަލައިގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ ބީއެމްއެލް ހާޒިރުކުރާއިރު، ބޭންކުގެ ބައެއް ޕޮލިސީތަކާއި ގުޅޭގޮތުން ސުވާލު ކުރުމަށް ޝަޢުޤުވެރިކަން ފާޅުކޮށްފައެވެ.

އެގޮތުން ކްރެޑިޓް ކާޑުގެ މައްސަލަތަކާއި، ސްކޭމް މައްސަލަތައް މިހާތަނަށް ބޭންކަށް ހުށަހެޅިފައިވާ މިންވަރު ބެލުމަށް މެންބަރުން ވަނީ ހުށަހަޅުއްވާފައެވެ. މިއާއެކު ގުޅުން ހުރި އެހެނިހެން އިދާރާތައް ގެނައުމަށްވެސް މެންބަރުން ހުށަހަޅުއްވިއެވެ.

އެގޮތުން މިމައްސަލާގައި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން، އެމްއެމްއޭ، ދިވެހި ފުލުހުންގެ އިތުރުން ކަރެކްޝަންސް ހާޒިރު ކުރުމަށް ވަނީ ކޮމެޓީން ނިންމާފައެވެ. މި އިދާރާތަކު އިސްވެރިންވެސް ހާޒިރުކުރަން ހުށަހެޅުއްވީ ކޮމެޓީގެ މުގައްރަރި އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.