ކޮމިޓީއަށް ޖަވާބުދާރީވުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމަށް ފަހު ފުރުސަތު ދެއްވުމަށް މާލިއްޔަތު ކޮމިޓީން ނިންމަވައިފިއެވެ.
ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން މަސައްކަތް ފެށުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާން ގަވަރުނަރަށް އަންގަވާފައިވަނިކޮށް، މިއަދު ވެސް ކޮމިޓީއަށް ހާޒިރު ނުވެވޭނެކަން ވަނީ އަންގަވާފައެވެ.
ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހުވެސް ގަވަރުނަރު ހާޒިރުކުރަން ކޮމިޓީގައި އެޖެންޑާކުރިއެވެ. ނަމަވެސް އެކޮމިޓީ ވަނީ ކެންސަލްވެފައެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ކޮމިޓީގައި ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ވެސް ގަވަރުނަރު ހާޒިރުވެވަޑައިގެންފައި ނުވާތީ މާދަމާ އޮންނަ ބައްދަލުވުމުގައި ލިޔުމުން ފޮނުއްވާ ޖަވާބަށް ބަލައި ވަކި ގޮތެއް އެމައްސަލައިގައި ނިންމަވާނެ ކަމަށެވެ.
"މާދަމާ ވެސް އަނެއްކާ އެ މައްސަލަ މިޖަހަނީ. އެންމެ ފަހު ދުވަސް ކަމަށް މި ބަލަނީ. މާދަމާ ގަވަރުނަރު ވަޑައިގަތަސް ނުގަތަސް އެމަނިކުފާނު ފޮނުވާފައިވާ ސިޓީއަށް ބަލައި ގޮތެއް ނިންމުމަށް ކޮމިޓީން ވަނީ ނިންމާފައި" ޤާސިމް ވިދާޅުވިއެވެ.
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. ގަވަރުނަރު ޢަލީ ޙާޝިމް މަޤާމުން ވަކިކުރުމަށް ހުށައެޅި ސަބަބުތަކުގެ ތެރޭގައި ސަރުކާރުން މިހާރު ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވާއިރު، އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ގަވަރުނަރުގެ ހައިސިއްޔަތުން ނުކުރައްވާތީ ކަމަށް ކޮމިޓީންވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއަށް އިޤްތިޞާދީ ކާރިސާއެއްގެ ބިރު ބޮޑުވެފައިވުމުގެ މައިގަނޑު ސަބަބަކީ، މަރުކަޒީ ބޭންކާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދިން އިރުޝާދާއި ލަފައަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ޢަމަލު ނުކުރުމުންކަން ގަވަރުނަރު އަލީ ހާޝިމް ވަނީ ވިދާޅުވެފައެވެ.