ޚަބަރު

ބަންގްލަދޭޝް ސަރުކާރާ ދެކޮޅު މުޒާހަރާގައި 100 ދަރިވަރުންނަށް އަނިޔާވެއްޖެ


ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވަމުންދާ މުޒާހަރާތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 100 މީހަކަށް އަނިޔާވެއްޖެއެވެ. ދަރިވަރުންނަށް އަނިޔާވެފައި ވަނީ, ސަރުކާރަށް ތާޢީދު ކުރާ މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައެވެ. ވަޒީފާ ދިނުމުގައި ސަރުކާރުން އަމަލު ކުރާ ސިޔާސަތުތަކާ ދެކޮޅަށް ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

އެއީ, ޖަނަވަރީ މަހު ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި ޝައިޚް ޙަސީނާ ބޮޑުވަޒީރު ކަމުގެ މަޤާމުގެ ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން އޭނާގެ ސަރުކާރާ ދެކޮޅަށް ބާއްވާ އެ ފަދަ ފުރަތަމަ މުޒާހަރާ ކަން ފާހަގަ ކުރެވެއެވެ. ޙަސީނާގެ އަވާމީ ލީގް ޕާޓީއަށް ތާޢީދު ކުރާ މެންބަރުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެއް ބަޔަކު އަނެއް ބަޔަކާ ދިމާލަށް ގައު އުކާފައިވާ ކަމުގައި ބަންގްލަދޭޝްގެ ފުލުހުން ބުންޏެވެ. އަދި, ހަމަނުޖެހުންތަކުގެ ބައިވެރިން ލަކުޑިބުރި ފަދަ ހަތިޔާރު ބޭނުން ކޮށްފައިވާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.

އެންމެ ބޮޑަށް ހަމަނުޖެހުން ހިނގާފައިވާ ސަރަޙައްދުތަކުގައި ތެރޭގައި ޔުނިވަރސިޓީތަކުގެ ކެމްޕަސްތައް ހިމެނެއެވެ. ވެރިރަށް ދާކާގެ ފުލުހުން ބުނީ, އެ ރަށުގައި ހުންނަ ޔުނިވަރސިޓީތަކުގެ ކެމްޕަސްތަކުގައި ވެސް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމުގައެވެ. ނަމަވެސް, މުޒާހަރާތަކާ އެކު ކުރިއަށް ގޮސް, މަގުތަކުގައި ބޮޑެތި ހިނގައިލުންތައް ބާއްވަން ބަންގްލަދޭޝްގެ ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުން ވަނީ ނިންމާފައެވެ.

"މިއީ ހަމައެކަނި ދަރިވަރުންގެ މަސްލަޙަތު އޮތް މައްސަލައެއް ނޫން. މުޒާހަރާ ހުއްޓުވައި ހަމަނުޖެހުން އުފައްދަން ސަރުކާރުގެ އެންމެ މަތިފަޑިން ފެށިގެން ދަނީ މަސައްކަތް ކުރަމުން. [ބަންގްލަދޭޝްގެ] ޢާންމު ރައްޔިތުން މުޒާހަރާތަކުގައި ބައިވެރިވާން ފަށާފައި ވަނީ އެ ސަބަބާ ގުޅިގެން،" މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ނާހިދު އިސްލާމް ބުންޏެވެ.

ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރާ ކޯޓާ ނިޒާމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި ވަނީ, ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ބާޠިލު ކޮށްފައެވެ. ނަމަވެސް, މުޒާހަރާތަކަށް ނިމުމެއް ގެނެސްފައެއް ނުވެއެވެ.

މުޒާހަރާގެ ބައިވެރިންގެ ގޮވައިލުންތަކަށް އިޖާބަ ދެއްވަން ޙަސީނާ ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި, މުޒާހަރާތަކުގެ އަޑީގައި ތިބީ ބަންގްލަދޭޝްގެ މިނިވަން ކަމަށް 1971ވަނަ އަހަރު ކުރި ހަނގުރާމައިގައި ޕާކިސްތާނުގެ އަސްކަރިއްޔާއަށް ވާގިވެރިވި ފަރާތްތަކެވެ. އެ ތުހުމަތުތަކާ އެކު މުޒާހަރާތައް އިތުރަށް ހޫނުވެ, މުޒާހަރާގައި ބައިވެރިވަމުން ދިޔަ ދަރިވަރުންގެ ޢަދަދުތައް އިތުރުވެގެން ދިޔައެވެ.