ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުފަހަރު މޮނިޓާ ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އެމެރިކާ އާއި ޗައިނާއިން ދެ ޑްރޯން ދޭން ނިންމައިފިއެވެ.
ބޯޑަރަށް ވަންނަ އުޅަނދުތައް މޮނިޓާ ކުރުމުގެ މަސައްކަތް ކަސްޓަމްސްއިން ކުރަމުން ގެންދަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވީ އެމެރިކާ އާއި ޗައިނާ ސަރުކާރުގެ ފަރާތުން ޑްރޯން ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް އާއި ކަސްޓަމްސް ގުޅިގެން އެ ޑްރޯންތައް ބޭނުން ކުރާނެ ކަމަށާއި މަސައްކަތް ކުރިއަށްދާނީ ޖޮއިންޓް އޮޕަރޭޝަން ހިންގާ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
މާނިޢު ވިދާޅުވީ ރާއްޖެ ސަރަހައްދަށް ބޭރުން އަންނަ އުޅަނދުތައް މޮނިޓަރ ކުރެވޭނެ އެއްވެސް ނިޒާމެއް ކަސްޓަމްސް އިން އަދި ހަމަޖެހިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ޑްރޯންތައް، ވާގޮތަކީ މި ސަރަހައްދަށް ބޭރުން އަންނަ އުޅަނދުތައް މޮނިޓަރ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އަޅުގަނޑުމެންނަށް ފިޒިކަލީ ގޮސްގެން ނޫނީ. ދެން މިވާގޮތަކީ ދައުލަތުގެ ޚަރަދު ބޮޑުވާނީ، ލޯންޗުތަކަށް ޕެޓްރޯލް އަޅައިގެން ފޮނުވީމަ. އޭގެ ބަދަލުގައި ޑްރޯން ފޮނުވާފައި ޑްރޯން އިން އޭތި މޮނިޓަރ ކުރެވޭނެ ފުރުސަތު ލިބިއްޖެއްޔާ ތްރެޓެއް އެއްޗެއް ލިބިޖެއްޔާ އަޅުގަނޑުމެން އުޅަނދެއް ފޮނުވަން މި ނިންމަނީ" މާނިޢު ވިދާޅުވިއެވެ.
ޑްރޯންތައް ގެނަޔަސް އެތަކެތި އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރާނީ އެމްއެންޑީއެފްގައި އަލަށް އުފެއްދި އެއަރކޯއާ ގުޅިގެން ކަމަށް މާނިޢު ވިދާޅުވިއެވެ.
ކުރިއަށް އޮތް ތާނގައި ކަސްޓަމްސްއަށް ޖަޕާނު ސަރުކާރުން 85 ފޫޓުގެ އުޅަނދު އަދި ޗައިނާ ސަރުކާރުންވެސް ދެ އުޅަނދު ލިބޭނެ ކަމަށް މާނިއު ވިދާޅުވިއެވެ. އަދި އެމެރިކާއިން ވެސް އުޅަނދެއް ލިބޭނެ ކަމަށް މާނިޢު ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ.