ޚަބަރު

ޖިރޫ ފްރާންސް ޓީމަށް ކުޅުން ހުއްޓާލައިފި


ފްރާންސް ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ފޯވާޑް، އޮލިވިއޭ ޖިރޫ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާންކޮށްފިއެވެ.

"އަހަރެން އެންމެ ބިރުގަންނަ ވަގުތު އައިސް ޖެހިއްޖެ. ގައުމީ ޓީމަށް އަލްވަދާއު ކިޔަންވީ ވަގުތު،" ހޯމަ ދުވަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޖިރޫ ލިޔެފައިވެއެވެ.

ޖިރޫ، 37، ވަނީ ފްރާންސާ އެކު، 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ފްރާންސް އިން 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނުއިރު އެ ޓީމުގައި ޖިރޫ ހިމެނުނެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 137 މެޗުގައި 57 ލަނޑުޖަހައިދީފައެވެ.

ޔޫރަޕްގެ ކުލަބުތަކުގެ ލޮލުގައި ޖިރޫ އަޅައިގަތީ މޮންޓްޕެލިއާ އިންނެވެ. އެއަށްފަހު އޭނާގެ ކުލަބު ކެރިއަރުގައި އެންމެ ބޮޑަށް ފާހަގަވީ 2012 އިން 2018އާ ދެމެދު އާސެނަލަށް ކުޅުނުއިރު އެވެ. އޭގެފަހުން، އޭނާ ވަނީ ޗެލްސީ އާއި އިޓަލީގެ އޭސީ މިލާނަށް ކުޅެފައެވެ. އޭނާގެ ކުލަބު ކެރިއަރުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި، އިޓަލިއަން ލީގުގެ އިތުރުން ފްރެންޗް ލީގުގެ ތަށި ކާމިޔާބުކޮށްފައިވެއެވެ.

މި އަހަރުގެ ޔޫރޯގެ ކުރިން ވެސް ޖިރޫ ވަނީ މިއީ ގައުމީ ޓީމާއެކު އޭނާ ފެނިގެންދާނެ ފަހު މުބާރާތް ކަމަށް ބުނެފައެވެ. ޖިރޫ އަށް މި ފަހަރުގެ ޔޫރޯގައި ޓީމުން ފުރުޞަތު ލިބުނީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ފްރާންސް ކެޓީ ސެމީ ފައިނަލުގައި ސްޕެއިން އަތުން 2-1 އިން ބަލިވުމުންނެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިނަމަވެސް ޖިރޫ ވަނީ ކުލަބު ކެރިއަރު ކުރިއަށްގެންދަން ނިންމައިފައެވެ. އެގޮތުން، އޭނާ ވަނީ މިދިޔަ 18 އަހަރުގައި ޔޫރަޕްގައި ކުޅުމަށްފަހު، ކުރިއަށް އޮތް ސީޒަނަށް އެމެރިކާގެ މޭޖާލީގު ސޮކާގެ ލޮސް އެންޖެލަސް އެފްސީ އަށް ކުޅެން އެއްބަސްވެފައެވެ.