ކުޅިވަރު

ރާއްޖޭގެ ޒުވާން ވޮލީ ޓީމުތައް 2027 ގެ އައިއޯއައިޖީ ފައިނަލަށް ގެންދިއުމުގެ އަމާޒު


ބުރާސްފަތި ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ އަންހެން ވޮލީ ޓީމު ތައްޔާރުކުރަމުން ދަނީ 2027 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފައިނަލުގައި ވާދަކުރުމަށް ކަމަށް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ މުބާރާތުގައި ވާދަކުރަން ދަތުރު ފަށަނީ އެ އަމާޒަށް ވާސިލުވުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ. ލަތީފް ވިދާޅުވީ މި ދެ އުމުރުފުރާތަކުގެ ޓީމު އުފައްދާ ބައިނަލްއަޤްވާމީ ރަނގަޅު ތަޖުރިބާތަކެއް ޓީމަށް ދީގެން ބޭނުންވަނީ 2027 ވަނަ އަހަރު ދެ ޓީމުވެސް ފައިނަލުގައި ވާދަކުރުން ކަމަށެވެ.

"
އަޅުގަނޑުމެން މި ރޫހުގައި، މި ހިތްވަރުގައި މިތިބީ ވޮލީބޯލް އެސޯސިއޭޝަން ވެސް މިނިސްޓްރީ އޮފް ސްޕޯޓްސް ވެސް ހުރިހާ އެންމެންނާ ގުޅިގެން ސަރުކާރުގެ އެއްބާރުލުމާއެކު ހުރިހާ އިންވެސްޓުތަކެއް ނެޝަނަލް ޓީމުތަކަށް ކޮށްދީގެން، އަޅުގަނޑުމެންގެ އަމާޒަކީ 2027 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
މުޙައްމަދު ލަތީފް- ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް

ބުރާސްފަތި ދުވަހު ފަށާ ކާވާ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ރަނގަޅު ނަތީޖާ ނެރޭނެކަމަށް އުއްމީދުކުރާ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ. މިހާރު މި ފަށަނީ މުޅިން އައު ބިންގަލެއްގެ މަތީ ކުރެވޭ މަސައްކަތް ކަމަށާއި 2027 ވަނަ އަހަރު އަންނަންވާއިރަށް މީގެ ނަތީޖާ ފެންނާނެ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ. މުބާރާތުގެ ކުރިން ދިވެހި ސަޕޯޓަރުންނަށް ލަތީފް ދިން މެސެޖަކީ ދިވެހި ޓީމު ބަލިވި ނަމަވެސް މި ފަށާ ދަތުރުގެ ނަތިޖާ ފޮނިވާނެ ކަމަށާއި ބަލިވި ނަމަވެސް ޓީމަށް ހިތްވަރުދިނުމަށް ސަޕޯޓުކުރުމަށް ވަޑައިގަތުމަށެވެ.

ޖުމްލަ ހަތަރު ގައުމެއް ވާދަކުރާ މި މުބާރާތުގައި ރާއްޖެއާއެކު ދެން ހިމެނެނީ ކިރްގިސްތާނާއި ސްރީ ލަންކާގެ އިތުރުން ނޭޕާލެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ކިރްގިސްތާނާއެވެ. ދެވަނަ މެޗުގައި ސްރީ ލަންކާއާއި ވާދަކުރާނީ 19 ވަނަ ދުވަހުގައެވެ. އަދި ތިންވަނަ މެޗުގައި ނޭޕާލާ ބައްދަލުކުރާނީ 20 ވަނަ ދުވަހުއެވެ.

ޒުވާން ގައުމީ ޓީމުގެ ކޯޗަކީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. ފައްލޯގެ އެސިސްޓެންޓަކަށް އިސްމާޢީލް ޖިނާޒް ހަމަޖެއްސިއިރު، ޓީމުގެ ޓްރެއިނަރަކަށް ހަމަޖެއްސީ މަރިޔަމް ހަލީމް (ކޮކޯ) އެވެ.