ޚަބަރު

އައު އިޞްލާހާއެކު ބައިނަލްއަޤްވާމީ ކުށްތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ: މެންބަރުން


  • އިޞްލާހުގެ ބޭނުމަކީ ސައިބަރ ސްޕޭސްގައި ކުރާ ކުށްތައް ހުއްޓުވުން

  • ކުށްކުރާ މީހުންނާމެދު ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ އިޞްލާހެއް

ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް ގެންނަ އިސްލާޙާއެކު ބައިނަލްއަޤްވާމީ ކުށްތަކާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަކީ ޖިނާއީ ތަޙްޤީޤުތަކާ ގުޅޭގޮތުންނާއި ޖިނާޢީ ޝަރީޢަތްތަކާ ގުޅޭގޮތުން ބޭރު ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނަށް އިސްލާހު ހުށައެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދުވެ.

ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް މެންބަރު ހުށައެޅުއްވި ބައެއް އިސްލާޙުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ފަރާތުން ޖިނާއީ މައްސަލަތަކުގައި ބައިނަލްއަޤްވާމީ އެހީއަށް އެދުމާއި ބޭރު ޤައުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އެ ޤައުމުގައިވާ މީހެއްގެ ބަޔާނެއް ނުވަތަ ހެކިބަސް ހޯދުމާއި ރާއްޖޭގައި ހިނގާ ޖިނާއީ ބޮޑު ކުށަކާގުޅޭ ޝަރީޢަތަކަށް ނުވަތަ ތަޙްޤީޤަކަށް ބޭނުންވާ އެއްޗެއް، ބޭރު ޤައުމެއްގައި ވާކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ މުދާ ހޯދުމާއި ހިފެހެއްޓުމަށް އެދުން ހިމެނެއެވެ. އަދި ބޭރު ޤައުމެއްގައިވާ މީހަކު ޝަރީޢަތަށް ހެކިބަސް ދިނުމަށާއި، ތަޙްޤީޤުގައި އެހީތެރިވެދިނުމަށް މީހުން ޙާޒިރުކުރުން ވެސް އިޞްލާހު ހުށައެޅުމުގެ މަޤްޞަދުގެ ތެރޭގައި ހިމެނެއެވެ.

އިޞްލާހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ވިދާޅުވީ، ޤާނޫނަށް އިސްލާހު ހުށަހެޅުއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ސައިބަރ ސްޕޭސްގައި ކުރާ ކުށްތައް އިތުރުވަމުންދާތީ، އެ ކުށްތައް ހުއްޓުވުން ކަމަށެވެ. އަދި ބޭރުގެ ޤައުމުތަކުން ޤާނޫނު އެހީތެރިކަން ހޯދުން ކަމަށް މެންބަރު ވިދާޅުވިއެވެ.

"އިސްލާހު ފާސްވުމުން ބޭރުގެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ. ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަން ހޯދާ ޖިނާއީ ކުށްތައް ކުރާ ފަރާތްތަކަށް އަދަބު ދިނުމަށް ފަސޭހަވާނެ" މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާޢު ވިދާޅުވީ މިއީ ކުށްކުރާ މީހުންގެ ކިބައިން މުޖުތަމައު ސަލާމަތް ކުރުމަށް މުހިންމު އިޞްލާހެއްކަމަށެވެ. އަދި ނިޒާމުގެ ތެރެއިން ކުށްކުރާ މީހުން ސަލާމަތްވާކަމަކީ އެންމެ ކަންބޮޑުވާ އެއް ކަންތައް ކަމަށާއި، ވުމާއެކު މި އިޞްލާހާއެކު އިލެކްޓްރޯނިކް ނިޒާމު ބޭނުންކޮށްގެން ހެކި ހޯދުމަށް ފަސޭހަވެގެންދާނެކަމަށް މެންބަރު ވިދާޅުވިއެވެ.

"މިފަދަ އިސްލާހުތަކުގެ ސަބަބުން މުޖުތަމަޢު އަމާންވެގެންދޭ. އިންވެސްޓަރުންގެ އިތުބާރު ކުރެވޭ ފަދަ ޤައުމަކަށް ރާއްޖެ ވެގެންދާނެ. މއީ ވަރަށް އަވަހަށް ފާސްކުރެވޭ އިޞްލާހަކަށްވާން ޖެހޭ." ސުޖާއު ވިދާޅުވިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ ވަނީ މިއަދުގެ ޙާލަތުން މި އިޞްލާހު މުހިންމުކަމަށް ވިދާޅުވިއެވެ.މިހާރު ކުށުގެ ވެށްޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާ ސައުދުﷲ ވިދާޅުވީ ސިއްރު މައުލޫމާތުތައްވެސް ހެއްކްކޮށް އެތައް ބައެއްގެ ހައްޤުތަކަށް ސައިބަރ ކްރައިމް ކުރާ މީހުން އަރައިގަންނަމުންދާ ކަމަށެވެ.

"މި އިސްލާހަކީ ފުލުހުންނާއި ޕީޖީއަށްވެސް މުހިންމު އިސްލާހެއް. އަދި ބައިނަލްއަޤްވާމީ ކުށްތަކާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅު އެޅުމަށާއި ރާއްޖޭގެ ޤާނޫނީ ނިޒާމް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްހަމަ ކުރުމަށް މަގުފަހިވެގެންދޭ. ޖިނާއީ މައްސަލަތަކުގައި ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދޭ." ސައުދުﷲ ޙިލްމީ ވިދާޅުވިއެވެ.

ޖަލްސާގައި ގިނަ މެމްބަރުން ވަނީ ކަމާއިގުޅުން ހުރި ފަންނުވެރިންގެ އެހީތެރިކަމާއި އިރުޝާދާ އެއްގޮތަށް ބިލަށް އިސްލާހު ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވާ ކޮމިޓީ މަރުހަލާގައިވެސް މި ބިލް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.