ޚަބަރު

ޕްރީ ސީޒަން ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ


ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ޔުނައިޓެޑާއި ނޯވޭގެ ރޮސެންބާގް ވާދަކުރި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ރޮސެންބާގް ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އެގޮތުން މުޅި މެޗުގައި ވެސް ރޮސެންބާގުގެ ގޯލާއި އަމާޒުކޮށް ޔުނައިޓެޑަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ. މީގެ އިތުރުން މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަ ކުޅެ ރޮސެންބާގުން ވަނީ ޔުނައިޓެޑިުގެ ގޯލަށް 12 ހަމަލާއެއް ފޮނުވާލާފައެވެ.

މެޗުން އެޓީމު މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ނޯއާ ހޯލްމް އެވެ. ރޮސެންބާގާއި ދެކޮޅަށް ޔުނައިޓެޑުން ވަރުގަދަ ޓީމެއް ނެރުނުއިރު، ފުރަތަމަ އެގާރައިގައި ބުރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ، މައުޓް، ރަޝްފޯޑް، އިވަންގެ އިތުރުން ވެން ބިސާކާ ވަނީ ކުޅެފައެވެ.

މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ އަށްވަނަ ހޯދި މެންޗެސްޓާ ޔުނައިޓެޑުން ލީގުގައި އެންމެ އެދެވޭ ނަތީޖާތަކެއް ނުހޯދުނު ނަމަވެސް އެފްއޭ ކަޕުގެ ފައިނަލުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް އެޓީމުން ވަނީ ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގުން ޖާގައެއް ކަށަވަރުކޮށްފަ އެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑުން އެކުވެރިކަމުގެ އިތުރު ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު އަންނަ މަހުގެ 10 ވަނަ ދުވަހު ކުޅޭ ކޮމިއުނިޓީ ޝީލް މެޗުގައި ޔުނައިޓެޑް ވާދަކުރާނެއެވެ.