ކުޅިވަރު

އެންމެ މުހިއްމުކަމަކީ ކުޅުންތެރިންނަށް ކުޅެވޭނެ ގޮތް ފަހިކޮށްދިނުން


ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންދިއުމުގައި އެންމެ މުހިއްމުކަމަކީ ކުޅުންތެރިންނަށް ކުޅެވޭނެ ގޮތް ފަހިކޮށްދިނުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދިން ޙާއްސަ އިންޓަވިއުއެއްގައި ރާފިޢު ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް ފާހަގަވަނީ ތަމްރީންވެފައި ތިބި ރަނގަޅު ފެންވަރުގެ ކޯޗުން އުފެއްދުން ކަމަށާއި އެއަށްފަހު ކުޅޭނެ ތަންތަނުގެ މުހިއްމުކަން ފާހަގަވާ ކަމަށެވެ. ރާފިޢު ވިދާޅުވީ މިކަމުގެ ފެށުން އަންނަ ޖެހޭނީ ތަޢުލީމީ ނިޒާމުން ކަމަށާއި ތަޢުލީމީ ނިޒާމުގެ ތެރެއިން ކުޅިވަރުގައި ރަނގަޅު ބިންގަލެއް އެޅެންޖެހޭ ކަމަށެވެ.

"
އެ ކުދިންނަށް ރެގިއުލާކޮށް ޓްރެއިނިން ހެދޭނެ ނިޒާމެއް ހަމަޖެހެން ޖެހޭ، ދެން އޭގެތެރޭގައި ސްކޫލްތަކުގެ ކުޅިވަރުތައް ވެސް ހިމެނޭ
ޢަބްދުﷲ ރާފިޢު- ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

ރާއްޖޭގެ ކުޅިވަރުގައި ކުޅޭތަނެއްގެ މުހިންމުކަން ކުޅިވަރު ވަޒީރު ފާހަގަކުރެއްވި އިރު ކުޅިވަރު ކުޅޭނެ ތަންތަނުގެ ދަތިކަން ރާއްޖޭގައި ވަނީ އެންމެ ބޮޑު އެއް ޗެލެންޖެއް ގޮތުގައި ފާހަގަވެފައެވެ. ކުޅިވަރުގެ ވަސީލަތްތައް ރަނގަޅު ކުރުމަށްޓަކާ ސަރުކާރުން ބައެއް ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުން އަންނައިރު ބައިނަލްއަޤްވާމީ ފެންވަރަށް ކުޅިވަރު ކުޅޭތަންތަން ޤާއިމުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އަތޮޅުތެރޭގައި މިހާރު ހުރި ކުޅިވަރު ވަސީލަތްތަކުގެ ހާލަތު ރަނގަޅުކޮށް އިތުރަށް ތަރައްގީކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އެތުލީޓުންގެ ފެންވަރު މަތިކުރުމަށް ތަމްރީން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.