ޚަބަރު

ގެއްލުންވާގޮތަށް ފެނަކައާ ހަވާލުކޮށްފައިވާ ބައެއް ޕްރޮޖެކްޓުތައް ބާތިލްކުރަނީ


  • ނިމިދިޔަ ސަރުކާރުން ހަވާލުކުރި ބައެއް މަސައްކަތްތައް ރެކޯޑްކޮށްފައިނުވޭ

މެންޑޭޓުގައި ނުހިމެނޭ އަދި ގެއްލުންވާގޮތަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ދެ ޕްރޮޖެކްޓެއް ބާތިލްކުރަން ނިންމާފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މިދިޔަ 5 އަހަރު ފެނަކަ ކޯޕަރޭޝަން ހިންގާފައިވާ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުންނާއި، މެނޭޖްމަންޓުގެ ބައެއް ނިންމުން ތަކުގެ ސަބަބުން އެކުންފުނީގެ މާލީ ހާލަތުވަނީ މިއިން ދުވަހަކު ނުދާހާ ދަށަށް ގޮސްފައެވެ. މިއާއެކު އެކުންފުނީގެ އެތައް މަޝްރޫޢެއް ސަރުކާރު ބަދަލުވިއިރު އޮތީ ހުއްޓިފައިކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި 4 ބިލިއަން ރުފިޔާއަށްވުރެ މަތީ އަދަދަކުން ކުންފުނި އޮތީ ދަރަނިވެރިވެފައިކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ޕީއެންސީގެ ޖަލްސާއެއްގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ހަވާލުކުރި ބައެއް މަސައްކަތްތައް ރެކޯޑް ނުކުރެވިވާ ކަމަށެވެ. އަދި އެ ފައިސާ ނުދީގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

މުއާޒް ވިދާޅުވީ ފެނަކައިން ހިންގި ޚިޔާނަތްތަކުގެ ތަފްޞީލު ރައްޔިތުންނަށް ފެންނަން އެބައޮތް ކަމަށާއި ނިމިދިޔަ ސަރުކާރުން އެ ކުންފުނި އިންތިހާއަށް ދަރިނިވެރިކޮށް، މީހުންގެ އިތުބާރު ގެއްލުވާލިކަމަށެވެ. އަދި ކުންފުންޏަށް ގެއްލުންވާ ގޮތަށް މެންޑޭޓުގައި ނުހިމެނޭ ބައެއް ޕްރޮޖެކްޓްތަކާވެސް ފެނަކައިން ހަވާލުވިކަމަށެވެ.

އެގޮތުން ނިމިދިޔަ ސަރުކާރުން 48 އޭޓީއެމް އަޅަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ކަމަށާއި، އެއިން ކޮންމެ ޕްރޮޖެކްޓެއް ފެނަކައާ ހަވާލުކޮށްފައިވަނީ 295،000 ރުފިޔާއަށް ކަމަށެވެ.

"އެވަރުގެ ތަނެއް ހަދަން އޭރުގެ މާކެޓް ރޭޓުން ދާނީ 8 ލައްކަ ރުފިޔާ، އެ ޕްރޮޖެކްޓްތަކަށް ދެން ނެގީ މުވައްޒަފުން. އެގްރީމަންޓްގައި ސޮއިވެސް ކުރި އެ ޕްރޮޖެކްޓްތަކަށް. ކޮންމެ ޕްރޮޖެކްޓަކަށް 4 ލައްކަ ނޫނީ 5 ރުފިޔާ ޚަރަދުކޮށްފި. 40 އިންސައްތަ މަސައްކަތް ނިމިފައި ހުރީ. ކިހާ ބޮޑު ގެއްލުމެއްތޯ މިއީ؟ އޭޓީއެމްތައް އަޅަމުންދިޔައީ ފެނަކައިގެ ބިންތަކުގައި" މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ އޭޓީއެމްތަކުގެ އިތުރުން ނުއަގުގައި ގިނައަދަދެއްގެ އައިސްޕްލާންޓްތައް އަޅަންވެސް ފެނަކާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން 9 އައިސްޕްލާންޓް އަޅަން ހަވާލުކުރިއިރު އެ މަސައްކަތް ވެސް ކޮށްފައިވަނީ ނުއަގުގައި ކަމަށާއި ޕްރޮޖެކްޓްގެ މަސައްކަތް ނުނިމެނީސް އޮޕަރޭޝަންއަށް ވެސް މުވައްޒަފުން ނަގާފައިވާ ކަމަށެވެ.

"އައިސް ޕްލާންޓް އަޅަން ފިޝަރީޒް މިނިސްޓްރީން ފެނަކައާ ހަވާލު ކުރި. އޭރު ހަވާލުކުރީ 9 އައިސް ޕްލާންޓް 4.5 މިލިއަން ރުފިޔާއަށް. އެ މަޝްރޫއު އަޅަން ހަވާލުކުރީ ވަރަށް ކުޑަ އަގެއްގައި. އެ އަދަދަށްވުރެން މާގިނައިން ފެނަކައިން ޚަރަދު ކޮށްފައިވޭ" މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ މިހާރު އެ ދެ ޕްރޮޖެކްޓް ވެސް ބާތިލުކޮށްދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްގައި ދަންނަވާފައިވާނެ ކަމަށެވެ.

މުޢާޒް ވިދާޅުވީ ފެނަކައަކީ ކުރިއަށް އޮތް 5 އަހަރު ފައިދާވާ ކުންފުންޏަކަށް ހެދުމަށް ބިޒްނަސް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ޕްލޭން އެކުލަވާލުމުން ކުންފުނިން ކުރިއަށްގެންދާނީ ކޮން ޕްރޮޖެކްޓުތަކެއްކަމާއި، ކުރާނީ ކޮން ބާވަތެއްގެ ވިޔަފާރިތަކަކަށްކަން އެނގޭނެކަމަށެވެ. އަދި އަމާޒަކީ ވީހާވެސް ބޮޑަށް ފެނަކައިންކުރާ ބޭކާރު ޚަރަދުތައް ކުޑަކުރުންކަން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.