ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 4.4 ބިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ޖޫންމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ޚަރަދުތައް ހުރީ 17.8 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުތައް ހުރީ 22.2 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން ޚަރަދުތައް މިވަނީ 4.4 ބިލިއަން ކުޑަކުރެވިފައެވެ.
ދައުލަތުގެ ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ރިކަރަންޓު ޚަރަދު ނުވަތަ ދައުލަތް ހިންގުމުގެ ޚަރަދު ހުރީ 14.2 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓް ޚަރަދު ހުރީ 15.3 ބިލިއަން ރުފިޔާގައެވެ.
ރިކަރަންޓު ޚަރަދުތަކުގެތެރޭގައި ހިމެނެނީ މުސާރައާއި ޕެންޝަނަށް ހިނގާ ޚަރަދާއި، އިދާރީ މަސައްކަތްތަކަށް ހިނގާ ޚަރަދެވެ.
މުސާރައާއި ޕެންޝަނަށް – 5.5 ބިލިއަން ރުފިޔާ
އިދާރީ މަސައްކަތްތަކަށް – 8.5 ބިލިއަން ރުފިޔާ
މާލީ ރިޕޯޓުން ދައްކާގޮތުން މިކަންކަމަށްވެސް ބަޖެޓުން ކުރާ ހޭދަވަނީ ކުޑަކުރެވިފައެވެ. އެގޮތުން މުސާރަ އާއި ޕެންޝަނަށް ކުރާ ހޭދައިންވަނީ 357 މިލިޔަން ރުފިޔާ ކުޑަކުރެވިފައެވެ. އަދި އިދާރީ ޚަރަދުތަކުންވަނީ 600 މިލިއަން ރުފިޔާ ކުޑަކުރެވިފައެވެ.
މާލީ ރިޕޯޓުގައިވާގޮތުން ކެޕިޓަލް ޚަރަދުތައްވެސް ވަނީ ވަރަށް ކުޑަކުރެވިފައެވެ. އެގޮތުން މިއަހަރުގެ ޖޫންމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ކެޕިޓަލް ޚަރަދުތައް ހުރީ 3.6 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ޚަރަދުތައް ހުރީ 6.9 ބިލިއަން ރުފިޔާގައެވެ.
ސަރުކާރުންދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އަދި އިޤްތިސާދު ކުރިން އޮތް ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ ފައިސާ ޗާޕުކުރުން ހުއްޓާލާފައެވެ. މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ 40 އަހަރު ތެރޭގައި ޖުމްލަ 6 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރިއިރު، ކުރީ ސަރުކާރުން އެކަނިވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށެވެ.
މީގެސަބަބުން ދިވެހި ފައިސާގެ އަގު ދަށްވެ، ޑޮލަރުގެ އަގު އުފުލިގެންދިޔަ ކަމަށާއި އެހެންވެ، މި ސަރުކާރުގެ އެންމެ މުހިންމު އަސާސަކަށްވީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށް ރައީސް ވިދާޅުވިއެވެ.