ޚަބަރު

މަރުޙޫމް ޙުސައިން ޝަރީފަކީ ޤައުމީ ޚިދުމަތްތެރިއެއް: ރައީސް


  • ޝަރީފްގެ އެންމެ ބޮޑު ޚިދުމަތެއް ފެނުނީ ފަތުރުވެރިކަމުގެ ސިނާޢަތުން

  • މިސްކިތް ބިނާކުރެއްވުމަށްވެސް އިސްކަންދެއްވި

މަރުޙޫމް ޙުސައިން ޝަރީފަކީ ޤައުމީ ޚިދުމަތްތެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މުޖުތަމަޢުއަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޙުސައިން ޝަރީފް ނިޔާވުމާއި ގުޅިގެން ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަރުޙޫމް ޙުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ޤައުމީ ޚިދުމަތްތެރިއެއްކަމަށެވެ. އަދި މިސްކިތް ބިނާކުރެއްވުމާ، ނިކަމެތީންނަށާއި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި މަރުޙޫމް ޝަރީފަކީ އިޙްސާންތެރި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަރުޙޫމް ޙުސައިން ޝަރީފް އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާކުރައްވާފައެވެ.

"ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާ ނިޢުމަތުގައި މަރުޙޫމް ޙުސައިން ޝަރީފް ލަހައްޓަވާށިއެވެ." ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޝަރީފް ނިޔާވުމާ ގުޅިގެން ވަޒީރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކުންދަނީ ހިތާމައިގައި ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމުންނެވެ.

ޙުސައިން ޝަރީފް ނިޔާވުމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ ޝަރީފާއެކު ބޭއްވެވި ބައްދަލުވުމުގެ ވާހަކަތައް ހިއްސާކުރައްވާފައެވެ. ޝަހީމް ވިދާޅުވީ ޝަރީފަކީ ޚުލްޤު ހެޔޮ ދީލަތި ބޭފުޅެއްކަން އެބައްދަލުވުމުން އެނގިވަޑައިގަތް ކަމަށެވެ. ޝަރީފާއެކު ބޭއްވި ބައްދަލުވުމުގައި މާލޭ އިބްރާހީމް މިސްކިތް އަލުން ބޮޑުކޮށް ޤުއްބުލާފައި ތަރައްޤީކުރުމަށް ޝަރީފް ހުށައަޅާފައިވާއިރު އެޕްރޮޕޯސަލްއަށް ސަރުކާރުން ރުހުން ދެއްވާފައިވާކަންވެސް ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.

ޝަރީފަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ބްރޭންޑެއް ކަމަށްވާ އޯޒެން ރިޒާވް ބޮލިފުށީގެ ވެރިޔާއެވެ. ޝަރީފް މަޝްހޫރުވެފައިވަނީވެސް އެރަށުގެ ނަން ކަމަށްވާ ބޮލިފުށި، ޝަރީފްގެ ގޮތުގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޝަރީފް ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށެވެ.