ޚަބަރު

އެމްއެސްއެސްއިން ދެކުނު އިރުމަތީ އޭޝިއާއަށް ދިވެހި މަސް އެކްސްޕޯޓުކުރަން ފަށަނީ


  • ދިވެހި މަހަށް އިތުރު މާރކެޓުތައް ހޯދުމަށް ދަނީ މަސައްކަތްކުރަމުން

  • އެމްއެސްއެސްއިން ދާދިފަހުންވަނީ މެލޭޝިއާ އަދި ސިންގަޕޫރަށް ދަތުރު ފަށާފައި

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ރާއްޖޭގެ ގަނޑުކުރި މަސް އެކްސްޕޯޓުކުުރުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާކަމަށް ޤައުމީ ޝިޕިންގް ކުންފުނި، އެމްއެސްއެސްއިން ބުނެފިއެވެ. ދިވެހި މަހުގެ އުފެއްދުންތަކަށް އިތުރު މާރކެޓުތައް ހޯދުމަށް މިފްކޯ އާއި އެމްއެސްއެސް ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތްތަކާއި ގުޅޭ ތަފްސީލްތައް ހިއްސާކުރަމުން މޯލްޑިވްސް ސްޓޭޓު ޝިޕިންގ، އެމްއެސްއެސްގެ ޗީފް ކޮމާޝިއަލް އޮފިސަރ ތަހާ މުޙައްމަދު ވިދާޅުވީ މިފްކޯގެ މަސް އަދި ރާއްޖޭއިން މަސް އެކްސްޕޯޓުކުރާ އެހެން ފަރާތްތަކުގެ މަސް ޔޫރަޕްގެ ޤައުމުތަކަށް އެކްސްޕޯޓުކޮށްދޭ ކަމަށެވެ.

އެމްއެސްއެސްއިން މިމަހުގެ 14ވަނަ ދުވަހުވަނީ މެލޭޝިއާގެ ޕޯޓު ކިލާންގއާއި ސިންގަޕޫރުން ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރުތައް ފަށާފައެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ އެމްއެމްއެސްގެ އަމިއްލަ ބޯޓެއްކަމަށްވާ އެމްއެސްއެސް ގްރެފީންއެވެ.

އަދި މި ފެށި ދަތުރުތަކާއި އެކު އެމްއެސްއެސްގެ އަމިއްލަ ކޮންޓެއިނަރގައި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް މަސް އެކްސްޕޯޓުކުރުމުގެ ފުރުސަތު ލިިބިގެންދާނެކަމަށް ތަހާ ވިދާޅުވިއެވެ.

"މިހާރުވެސް އެކްސްޕޯޓުކުރަމުންދަން ޔޫރަޕްގެ ޤައުމުތަކަށް މިފްކޯގެ އަދި ރާއްޖޭގެ އެހެން ކުންފުނިތަކުގެ މަސްވެސް، އެމްއެސްއެސްގެ އަމިއްލަ ކޮންޓެއިނަރ ބޭނުންކޮށްގެން މިމަހުގެތެރޭގައި ހުޅަނގު އިރުމަތީ އޭޝިއާގެ ގިނަ ޤައުމުތަކަށް ގަނޑުކުރި މަސް އެކްސްޕޯޓުކުރެވޭނެ" ތަހާ ވިދާޅުވިއެވެ.

ތަހާ ވިދާޅުވީ މިފްކޯގެ ދަޅުމަހާއި، އެކި ބާވަތްތަކުގެ މަހުގެ އުފެއްދުންތައްވެސް ޔޫރަޕްގެ ޤައުމުތަކަށް އެކްސްޕޯޓުކޮށްދެމުންދާ ކަމަށެވެ.

"އެމްއެސްއެސްއިން ރިޕްރެޒެންޓުކުރަން ހެޕަގުލޮއިޑު، އެމީހުންނަކީ ދުނިޔޭގެ 4ވަނަ ޝިޕިންގ ލައިން، ސަރވިސް ކަވަރޭޖަށް ބަލާއިރު، މުޅި ދުނިޔޭގެ ކަވަރޭޖެއް އެބަ އިދޭ، މާލެއިން ދުނިޔޭގެ ކޮންމެ ޤައުމަކަށް މުދާ ފޮނުވަން ވިޔަސް އެމްއެސްއެސްއަށް ކުރެވޭނެ،" ތަހާ ވިދާޅުވިއެވެ.

އެމްއެސްއެސްގެ ފްލީޓުގައި 5 ބޯޓު އޮވެއެވެ. އެކުންފުނިން މިހާރު ދަތުރުތައް ކުރަނީ ކޮލޮމްބޯއިން މާލެއަށް އަދި ދުބާއީން މާލެއަށެވެ. އަދި 30 އަށްވުރެ ގިނަ ގައުމުގައި އެކުންފުނީގެ އެޖެންޓުން ތިބޭއިރު، އެކުންފުނީގެ ކޮންޓެއިނަރގެ އަދަދު 2000އަށްވުރެ ގިނައެވެ.