ޚަބަރު

އޮޑިޓް ރިޕޯޓް ހުށަހަޅާފައިނުވާތީ އެމްޓީޑީ، އެމްއެންޕީ އަދި ޑިމޮކްރެޓްސް ޖޫރިމަނާކޮށްފި


  • ޖޫރިމަނާކުރީ 50،000 ރުފިޔާއިން

އޮޑިޓް ރިޕޯޓް ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމަވައިފިއެވެ.

އެކޮމިޝަނުން ވިދާޅުވިގޮތުގައި މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް 3 ޕާޓީއަކުން ހުށަނައަޅައެވެ. އެއީ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސްއެވެ.

މި ތިން ޕާޓީވެސް ޖޫރިމަނާކޮށްފައިވަނީ ކޮންމެ ޕާޓީއެއް 50،000 ރުފިޔާއިންނެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަންގެ އިތުރުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހެއެވެ. އެއްވެސް ޕާޓީއަކުން ޤާނޫނާ އެއްގޮތަށް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ 20،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޕާޓީ ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބެއެވެ.

އެމްޓީޑީ އާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް ޖޫރިމަނާކޮށްފައިވަނީ މިޤާނޫނުގެ ދަށުން އޮޑިޓް ރިޕޯޓް ހުށަހަޅާފައިނުވާތީއެވެ.