ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅުނު 2013 ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްފި


  • ޑީޕޯޓްކޮށްފައިވާ ބިދޭސީންގެ ތެރޭގައި ސީރިއަސް އެކި މައްސަލަތަކުގެ ހިމެނޭ މީހުން ތިބި

  • ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނެ

މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިސްނަގައިގެން ހޯމް ސެކްޓަރގައި ހިމެނޭ މުއައްސަސާތަކާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދުއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު ވިދާޅުވީ ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ބިދޭސީންގެ ތެރޭގައި ސީރިއަސް އެކި މައްސަލަތަކުގައި ހިމެނޭ ބިދޭސީން ވެސް ތިބި ކަމަށެވެ. އަދި އެމައުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މީގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ޖުމްލަ 120 މީހުން އިމިގްރޭޝަންގެ ދަށަށް ގެނެވި، އެމީހުން ފުރުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނަށް ހުއްޓުމެއް ނާންނަ ކަމަށާއި އެ އޮޕަރޭޝަން ކުރިއަށްދާ ކަމަށެވެ.

"ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް، އަޅުގަނޑުމެން މިއަދާއި މާދަމާ ވެސް ހަމަ އެ ރެއިޑްތައް ކުރިއަށް ގެންދާނަން. ރެއިޑްތައް ހުއްޓައެއް ނުލަން" ޝަމްއާން ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ކުށްކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި، ފަންނާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވަނީ މީގެކުރިން ވިދާޅުވެފައެވެ. މީގެ އިތުރުން ސަރުކާރުން މިހާރުވަނީ ރާއްޖެ އެތެރެވާ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމްވެސް ހަރުދަނާ ކޮށްފައެވެ.

ބިދޭސީންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭގޮތަށް ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.