ކުޅިވަރު

އިނގިރޭސި - ސްޕޭން ފައިނަލް މެޗު ކުޅޭ ބޯޅަ އަކީ ކޮބާ؟


1960 އާއި 1964ގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ކުޅެން ހާއްސަ ބޯޅައެއް ބޭނުންކުރިކަމުގެ އެއްވެސް ހެއްކެއް ނެތެވެ. މުބާރާތަށް އެންމެ ފުރަތަމަ ހާއްސަ ބޯޅައެއް ތައްޔާރުކޮށް ބޭނުންކުރަން ފަށާފައިވަނީ 1968 ވަނަ އަހަރު އެވެ. އެ ބޯޅަ އަށް ދީފައިވާ ނަމަކީ ޓެލްސްޓާ އެލާސްޓް އެވެ. މި ނަން ކިޔައި އުޅުނީ ޓެލްސްޓް ކޮމިއުނިކޭޝަން ސެޓެލައިޓްގައި ހުންނަ ފަދަ ޕެނަލްތަކެއް ބޯޅައިގައި ބޭނުކޮށްފައި ހުންނަހެން ހީވުމުންނެވެ.

1972 ވަނަ އަހަރުގެ މުބާރާތަށް ބޭނުންކުރި ބޯޅައަށް ދީފައިވާ ނަމަކީ ޓެލްސްޓާ ޑުރްލާސްޓް އެވެ. އަދި 1976 ވަނަ އަހަރުގެ މުބާރާތް ކުޅުނީ މި ބޯޅަ އަށް ކުޑަކުޑަ ބަދަލުތަކެއް ގެނައުމަށްފަހު އެވެ. 1980 ވަނަ އަހަރުގެ ބޯޅަ އަށް ދީފައިވާ ނަމަކީ ޓެންގޯ ރިވަޕްލޭޓް އެވެ. 1984 ވަނަ އަހަރުގެ މުބާރާތް ކުޅުނީ ޓެންގޯ މުންޑިއަލްގައި. މިއީ ލެދަރު ބޯޅައިގެ ބަދަލުގައި މުޅިން އައު މެޓީރިއަލްތަކެއް ބޭނުންކޮށްގެން ހެދި ފުރަތަމަ ބޯޅަ އެކެވެ. 1988 ވަނަ އަހަރުގެ ބޯޅައިގެ ނަމަކީ ޓެންގޯ ޔޫރޮޕާ އެވެ. އެއަށްފަހު 1992 ވަނަ އަހަރު ބޭނުންކުރީ 1990 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ބޭނުންކުރި ޔުނިކޯ ބޯޅަ އެވެ. މިއަށްފަހު ބޯޅަ އަށް އެންމެ ބޮޑު ބަދަލެއް ގެނައީ 2004 ވަނަ އަހަރުގެ ޔޫރޯ އަށެވެ. ރޮޓެއިރޯގެ ނަން ދީފައިވާ ބޯޅަ އަށް ފަހު 2020ގައި ތައާރަފްކުރީ ޔުނިފޯރިއާ ބޯޅަ އެވެ. 2016 ވަނަ އަހަރުން ފެށިގެން ޔޫރޯ ބޯޅަ ތައްޔާރުކުރަނީ އޭގެ ކުރިން ބޭއްވި ވޯލްޑްކަޕް ބޯޅަ އަސްލަކަށް ބަލައިގެންނެވެ. ސަބަބަކީ ޔޫރޯގެ ބޯޅަ ވެސް ތައްޔާރުކުރަނީ ވޯލްޑްކަޕަށް ވެސް ބޯޅަ ތައްޔާރުކުރާ އެޑިޑާސް ކުންފުނިން ކަމަށްވެފައި ކޮންމެ ދެ އަހަރަކުން ބޯޅައެއްކޮށް ބަދަލުކުރުމަކީ ހަރަދުބޮޑު ކަމަށްވުމުން ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް އިސްކަންދިނުމުގެ ގޮތުންނެވެ.

ޖަރުމަނުގައި މިރޭ ނިމޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅައިގެ ނަމަކީ ފުސްބޯލީ އެވެ. ޖަރުމަނު ބަހުން މާނައަކީ ފުޓްބޯޅަ އަށް އޮތް ލޯތްބެވެ. ފުސްބޯލީ ތައްޔާރުކޮށްފައިވަނީ ރީސައިކަލް ކުރެވޭ ތިން ބާވަތެއް ހިމަނައިގެންނެވެ. ޕޮލިސްޓަރާއި ފެނުގައި ގިރިގެން ނުދާފަދަ ދެލި ބޭނުންކޮށްފައިވާ ބޯޅަ އުފެއްދުމުގައި ބޭނުންކޮށްފައިވާ މެޓީރިއަލްތަކަކީ ޒުވާރި ކުނޑި އާއި ދަޅާއި، ކީސް ނުވަތަ ވަކަރުކުޑި އެވެ. އެޑިޑާސްއިން ނިންމާފައިވަނީ މި ބޯޅަ ވިއްކައިގެން ލިބޭ ފައިސާގެ އެއް ޕަސެންޓް އިޖްތިމާއީ ޚިދުމަތަށް ހަދިޔާ ކުރުމަށެވެ. މި ގޮތުން ފައިސާދޭން ނިންމާފައިވަނީ ސްޕޭނުގެ ކުރީގެ މިޑްފީލްޑަރު ހުއާން މާޓާގެ ކޮމަން ގޯލް ސޮކާއިން ހިންގާ ހަރަކާތްތަކަށެވެ. މި ބޯޅައިގެ އެންމެ ހާއްސަ ކަމަކީ ބޯޅައިގެ އެތެރޭގައިވާ ކެމެރާ ޑިވައިސް އެވެ. މީގެ އެހީގައި އޮފް ސައިޑް ދެނެގަތުމުގައި މި ބޯޅަ ރެފްރީންނަށް އެހީތެރިވެދޭނެ މިންވަރު އިތުރުވެގެންދިޔަ އެވެ. މި ބޯޅައިގެ އެތެރެއަށް ލައްވާފައިވާ ޑިވައިސްއެއްގެ އެހީގައި ބޯޅައިގައި ކުޅުންތެރިޔާ ޖަހާ ވަގުތު ވަރަށް ބޮޑަށް ޔަގީންކޮށްދޭއިރު މީގެ އެހީގައި މީގެ ކުރިން އެޑިޑާސްއިން އުފެއްދި ބޯޅަތަކަށްވުރެ 500 ގުނަ އަވަހަށް މަންޒަރާއި ވަގުތު ދެނެގަންނާނެ އެވެ. ބޯޅައިގައިވާ ޑިވައިސްއިން ފޮނުވާ މެޓީރިއަލްތައް ވީއޭއާރާއި ފުޓްބޯޅަ ގެރެފިކްސް އަށް ވެސް ވަނީ ބޭނުންކޮށްފަ އެވެ.

މިރޭގެ މެޗާއި ސެމީ ފައިނަލްގެ ފަހު މެޗު އަދި ފައިނަލް މެޗު ކުޅޭނީ ހާއްސަ ބޯޅައަކުންނެވެ. މި ބޯޅައިގައި ވާނީ ރަތާއި ކަޅާއި ރަންކުލަ ރަންމުކޮށްދެނީ ޖަރުމަނުވިލާތެވެ. ކުރިން ހުދުކޮށްހުރި ޕެނަލްތަކުގައި މިހާރު އެވަނީ ރިހިކުލަ އެވެ. މިއީ މުބާރާތުގައި ޓީމުތަކުން ހާސިލްކުރާ ވަންތަކާއި ދޭ މެޑެއްޔަށް ނިސްބަތްކޮށްފައިވާ ކުލަތަކެކެވެ. ހުދު ޕެނަލްތަކައް ރިއްސަ ބަދަލުކޮށް މިރޭގެ މެޗަށް ނުކުންނަނީ ރޭގަނޑުގެ ބޮކި އަލީގައި ކުޅުންތެރިންނަށް އެއްވެސް ދައްޗެއް ތުރާލެއްވޭތޯ އެތައް ގޮތަކުން ޓެސްޓް ކުރުމަށްފަހު އެވެ.