ޚަބަރު

ފައިނަލް މެޗުގެ ވަކި ފޭވަރިޓެއް ނެތް، ވަރަށް ބެލެންސްވާނެ: ޑެ ލަ ފުއެންޓޭ


ޔޫރޯ 2024 ގެ ފައިނަލް މެޗުގައި އިންގްލެންޑާ ދެކޮޅަށް ނިކުތުމުގެ ކުރީން، ސްޕެއިނުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ބުނީ، ފައިނަލް މެޗުގައި ވަކި ފޭވަރިޓެއް ނެތް ކަމަށާއި، ފެންނާނީ ވަރަށް ހަމަހަމަކޮށް ކުޅެވިގެންދާނެ މެޗެއް ކަމަށެވެ. ސްޕެއިނުން މުބާރާތުގައި މިހާތަނަށް ދެއްކި ކުޅުމަށް ވުރެ ރަނގަޅަށް ނުކުޅެވިއްޖެނަމަ، ނުވަތަ އެންމެ ރަނގަޅަށް ފޯކަސްނުކޮށް ގޯސްތަކެއް ހެދިއްޖެނަމަ، އޭނާގެ ޓީމަށް މޮޅުނުވެވޭނެ ކަމަށް ވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.

ޑެ ލަ ފުއެންޓޭ މިހެން ބުނީ މެޗުގެ ކުރީން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެހެންނަމަވެސް، މެޗެއް ކާމިޔާބުކުރުމަށްޓަކައި އިދިކޮޅު ޓީމަށް އިހުތިރާމްކުރާ ހާލުގައި ދަނޑުމަތީގައި ކުރަންޖެހޭ ހުރިހާ ކަމެއް ސްޕެއިނުން ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިނުން މޮޅުވުމަށްޓަކައި އޭނާގެ ގޭމް ޕްލޭންއާ އެއްގޮތަށް ކުޅެން ޖެހޭނެ ކަމަށާއި، އެ ނޫން ގޮތަކަށް އެކަން ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ޑެ ލަ ފުއެންޓޭގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި ފައިނަލް މެޗުގައި އިންގްލެންޑް އަތުން ސްޕެއިނަށް މޮޅުވެވޭނީ މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކަށްވުރެ ރަނގަޅަށް އެ ޓީމުން ކުޅެގެން ކަމަށް އޭނާގެ ކުޅުންތެރިންނަށް ހަނދާންކޮށްދޭނެ ކަމަށް ވެސް ޑެ ލަ ފުއެންޓޭ ވަނީ ބުނެފައެވެ.

މިހާތަނަށް ސްޕެއިނުން މުބާރާތުގެ ފައިނަލާ ހަމައަށް ކުރި ދަތުރާމެދު ހިތްހަމަޖެހި، ފަޚުރުވެރިވާ ކަމަށް ވެސް ޑެ ލަ ފުއެންޓޭ ވަނީ ބުނެފައެވެ. ސްޕެއިނުން މިހިސާބަށް ދަތުރުކުރީ އެއްވެސް މީހަކު އެއްޗެއް ދީގެން ނޫން ކަމަށާއި، އެކަންކުރީ ދަނޑުމަތީގައި އެ ކުޅުންތެރިން ސާބިތުކޮށްދީގެން ކަމަށް ވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.

މުބާރާތުގެ ފައިނަލް މެޗަށް ނިކުންނައިރު އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި، ނެގެޓިވް ކަންކަމާމެދު ވިސްނާކަށް ވަގުތެއް ނެތް ކަމަށް ވެސް ޑެ ލަ ފުއެންޓޭ ވަނީ ބުނެފައެވެ. އަދި އޭނާ ބުނީ، ސްޕެއިނުން ތިބީ ވަރަށް ހަމަޖެހިލައިގެން މެޗަށް ނިކުތުމުގެ ކެތްމަދުވެފައި ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

އިންގްލެންޑާ ބެހޭގޮތުން ޑެ ލަ ފުއެންޓޭ ބުނީ، އެއީ ވަރަށް މޮޅު ޓީމެއް ކަމަށާއި، މުބާރާތުގެ މިހާހިސާބަށްއައިއިރު ދެއްކި ކުޅުމާއި ހޯދީ ނަތިޖާތަކެއް ނުބެލިނަމަވެސް އެ ޓީމުގެ ފެންވަރު އޭނާ އަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އެމީހުންގެ މުބާރާތް ފެށިއިރު އެންމެ ރަނގަޅަށް ކަންތައްތައް ނުވީނަމަވެސް، ކޮންމެވެސް ހިސާބަކުން އެކަންތައް ހަމަ މަގަށް ގެންނާނެ ކަމީ އޭނާ އެއްވެސް ވަރަކަށް ޝައްކު ކުރީ ކަމެއް ނޫން ކަމަށް ވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.

ނިންމާލަމުން ޑެ ލަ ފުއެންޓޭ ވަނީ، ސްޕެއިން ޓީމާމެދު މުޅި ޤައުމު ފަޚުރުވެރިވާތަން ފެނުމަކީ ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ ކަމެއް ކަމަށް ބުނެފައެވެ.

މުބާރާތުގެ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ސްޕެއިން ނިކުންނަ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.

"
އަހަރެންގެ ހަޔާތުގައި ނެގެޓިވް ކަންކަމާމެދު ވިސްނުމަށާއި، އެކަންކަމަށް ވަގުތެއް ނެތް. ހަމައެކަނި ޖާގަ އޮތީ ރަނގަޅު ކަންކަމަށް.
ސްޕެއިނުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ