ޚަބަރު

ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ޙައްލުކުރަން އައިޖީއެމްއެޗާއެކު މަޝްވަރާކޮށްފި


  • ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭސްފަރުވާގެ ކަންކަން

  • ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރި

ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ޙައްލުކުރުން އަވަސްކުރުމާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އައިޖީއެމްއެޗްއާއެކު މަޝްވަރާކޮށްފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ކުރި ޒިޔާރަތްތަކުން، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާގެ އެކި މައްސަލަތައްކަމަށް، އެ ވުޒާރާއިން ވިދާޅުވެއެވެ.

އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި، ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ބޭސް ސިޓީ އާކުރުމުގައި ދިމާވާ ދަތިތައް ހިމެނޭކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރައިން ވިދާޅުވެއެވެ. މި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްއާއި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި އައި.ޖީ.އެމް.އެޗްގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި، ޑޮކްޓަރަށް ދެއްކުން އަވަސްކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރެވިދާނެ ގޮތްތަކާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިފަދަ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތައް ގެނައުމަށް ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވެސްވަނީ މަޝްވަރާކޮށްފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މައްސަލަތަކަށް ހައްލު ހޯދާ، ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ބޭސްފަރުވާއާއ ގުޅުންހުރި މައްސަލަތަކަށް އަވަސް ޙައްލުތައް ހޯދުމަށް އެ ވުޒާރާއިން ގެންދަނީ ހުޅުމާލެ ހޮސްޕިޓަލް އަދި އެންސްޕާއާއި އެކުވެސް މަސައްކަތް ކުރަމުންނެވެ.