ޚަބަރު

ޢިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


  • ޢިލްމުވެރިންގެ މަހާސިންތާ އޮންނާނީ އޮގްސްޓް 24 ގައި

  • ރާއްޖޭގެ ހުރިހާ ޢިލްމުވެރިން ބައިވެރިވުމަށް ވަނީ ފުރުޞަތު ހުޅުވާލާފައި

ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށްގެން ބާއްވާ "ޢިލްމުވެރިންގެ މަހާސިންތާ" ގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 24 ގައެވެ.

ޢިލްމުވެރިންގެ މަހާސިންތާއަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވާފައިވާ މައުޟޫއަކީ "އިސްލާމީ ރިވެހި އަޚްލާޤާއި، އަޚްލާޤް ޚިމާޔަތް ކުރުމުގައި އިލްމުވެރިންގެ ދައުރު" މިއެވެ. މިއީ ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ.

މި މަހާސިންތާ ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައެވެ. މި މަހާސިންތާގައި ސީދާ ހާޒިރުވެގެންނާއި އޮންލައިންކޮށްވެސް ބައިވެރިވެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މިހާރު ވަނީ އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.


ޢިލްމުވެރިންގެ މަހާސިންތާގެ އިތުރުންވެސް ދީނީކަންކަމާއި ގުޅުން ހުރި ދާއިރާތަކުން، މިއަހަރު އިތުރު މަހާސިންތާތަކެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ތާވަލްކޮށްފައެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާތައް:

• ޖަމްޢިއްޔާ މަހާސިންތާ - ސެޕްޓެމްބަރ 4
• އިމާމުންގެ މަހާސިންތާ - ސެޕްޓެމްބަރު 21
• ޒަކާތު މަހާސިންތާ - އޮކްޓޯބަރު 26
• ޙައްޖާއި ޢުމްރާގެ މަހާސިންތާ - އޮކްޓޯބަރު
• ފަތުވާ މަޖްލިސް މަހާސިންތާ - ނޮވެމްބަރު


އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި މިފަދަ މަހާސިންތާތަކެއް ރާވާ ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ދީނީ ކަންކަމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކަނޑައެޅިފައިވާ ދާއިރާތަކުން ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޢުލޫމާތު މުއްސަނދިކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ. އަދި މުޖުތަމަޢުއަށް ސައްހަ އަޤީދާ ކިޔައިދިނުމުގައި ދީނީ އިލްމުވެރިންގެ ދައުރު ފުޅާކުރުންކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެމުންދާ ޚިދުމަތްތަކާ، ދީނީ ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް އެ ވުޒާރާއިން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ދީނީ ކަންކަމަށް އަހުލުވެރިކޮށް، މި ދާއިރާއަށް ޒުވާނުން ޝަޢުގުވެރިކޮށް މި ދާއިރާއަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.