ޚަބަރު

ވީއޭއެމް ކަޕު: ވެމްކޯއާއި ޕޮލިސް ކުލަބް ފައިނަލަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގެ ފައިނަލަށް ވެމްކޯ އާއި ޕޮލިސް ކުލަބު ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ވެމްކޯ ދަތުރުކުރީ އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގައި ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ. މެޗުގެ ސެޓުތައް ވެމްކޯ އިން ކާމިޔާބުކޮށްފައިވަނީ 23-25, 25-23, 25-17 އަދި 25-17 އިންނެވެ.

ފައިނަލުގެ ދެވަނަ ޖާގަ ޕޮލިހުން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗުގައި އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑިވެލޮޕްމަންޓްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ.

މުޅި މެޗުގައި ވެސް ޕޮލިހުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-11 އިންނެވެ. ދެވަނަ ސެޓު 25-14 އިން ކާމިޔާބުކުރިއިރު މެޗުގެ ތިންވަނަ ސެޓު ޕޮލިހުން ވަނީ ފަސޭހަކަމާއެކު 25-08 އިން ކާމިޔާބުކޮށްފަ އެވެ. މި މޮޅާއެކު މިރޭ ކުޅޭ މުބާރާތުގެ ފައިނަލުގައި ޕޮލިހުން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯއާ ދެކޮޅަށެވެ.

ވެމްކޯ އަކީ އެންމެ ފަހުން މި މުބާރާތް ބޭއްވި ތިން ފަހަރުވެސް ޗެމްޕިއަނެވެ. އެ ތިން ފަހަރުވެސް އެ ޓީމު ތަށި ހޯދާފައިވަނީ ފައިނަލުގައި ޕޮލިސް ކުލަބު ބަލިކޮށްގެންނެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ޔެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.