ޚަބަރު

ޒަކާތު ފަންޑުން 107 މީހަކަށް އެހީ، ގިނައީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތައް


  • ކެންސަރަށް ފަރުވާކުރުމަށް 262،911 ރުފިޔާ ދޫކޮށްފައިވޭ

  • ޖޫންމަހު ޖުމްލަ 1.04 މިލިޔަން ރުފިޔާވަނީ އެހީގެގޮތުގައި ޚަރަދުކޮށްފައި

  • އެހީގެގޮތުގައި ހަމަޖެހިފައިވަނީ 870957 ރުފިޔާ

މިދިޔަ ޖޫންމަހު ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް 107 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންވަނީ ޖޫންމަހު، ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީ ދީފައިވާގޮތުގެ ތަފާސްހިސާބު އާއްމުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މައިގަނޑު 5 ކަމަކަށް ޒަކާތު ފަންޑުން އެހީ ދީފައިވެއެވެ. އެއީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށާއި، ހިތުގެ އޮޕަރޭޝަން ކުރުމަށާއި، ކިޑްނީ ބަލިތަކަށާއި، ގުނަވަންތައް ބަދަލުކުރުމަށާއި، ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށެވެ. އަދި އެހިނެހެން ބޭނުންތަކަށްވެސް ޒަކާތު ފަންޑުން އެހީ ދީފައިވެއެވެ.

ޒަކާތު ފަންޑުން އެހީދިން މިންވަރު:

• ކެންސަރަށް ފަރުވާކުރުމަށް 262،911 ރުފިޔާ
• ހިތުގެ އޮޕަރޭޝަންކުރުމަށް 38،164 ރުފިޔާ
• ކިޑްނީ ބަލިތަކަށް 97،531 ރުފިޔާ
• ގުނަވަން ބަދަލުކުރުމަށް 25،443 ރުފިޔާ
• ސިކުނޑީގެ އޮޕަރޭޝަންތަކަށް 124،580 ރުފިޔާ
• އެހެނިހެން ބަލިތަކަށް 322،327 ރުފިޔާ

ތަފާސްހިސާބުތައް ދައްކާގޮތުން ޖޫންމަހު ޖުމްލަ 1.04 މިލިޔަން ރުފިޔާވަނީ ޚަރަދުކޮށްފައިވެއެވެ. އަދި އެމަހުގެތެރޭ އެހީގެގޮތުގައި ހަމަޖެހިފައިވަނީ ޖުމްލަ 870957 ރުފިޔާއެވެ.

އެހެނިހެން ޚަރަދުތަތަކުގެ ގޮތުގައި ޒަކާތު ފަންޑުން 273026 ހޭދަކޮށްފައިވެއެވެ. އެހެނިހެން ޚަރަދުތަކުގެތެރޭގައި ހިމެނެނީ ޒަކާތުގެ މަސައްކަތްކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރަދިނުމަށް ޢާމިލުންގެ ބައިން ކުރެވިފައިވާ ޚަރަދެވެ.

މީގެ ކުރިން ފިޠުރުޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދެވި ނަމަވެސް މިހާރު އެ މަސައްކަތް ކުރަމުން އަންނަނީ އެކަމަށް ޚާއްސަކޮށް އުފައްދަވާފައިވާ މޯލްޑިވްސް ޒަކާތު ހައުސްއިންނެވެ. މޯލްޑިވްސް ޒަކާތު ހައުސް ރައީސް އުފައްދަވާ، މި އިދާރާ އިފްތިތާޙް ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.