ޚަބަރު

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ކާމިޔާބުކަމާއެކު ނިންމާލައިފި


  • އޭވިއޭޝަން ދާއިރާގެ 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވޭ

  • މި ބައްދަލުވުން އޮތީ މިމަހުގެ 9 އިން 11 އަށް

  • މުހިންމު މަޝްވަރާތަކެއްވަނީ ކުރިއަށްގެންގޮސްފައި

ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިމަހު 9 އިން 11 އަށް ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، އަދި ސައި ލެގޫންގައި ކުރިއަށް ގެންދިޔަ މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމެންޓުން އިންތިޒާމްކުރި ބައިނަލްއަގްވާމީ ހަރަކާތެކެވެ. މިއިވެންޓް ރާއްޖޭގައި ބާއްވާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއި ގުޅިގެންނެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަފާތު ވިޔަފާރިތަކުގެ މެދުގައި، ނެޓްވޯރކިންގއާއި ވިޔަފާރި ކުރިއެރުވުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންތަކާއި ނިންމުމުގެ ހަފްލާ ބާއްވާފައިވަނީ ކުރުބާ މޯލްޑިވްސްގައެވެ. އަދި ކްރޮސް ރޯޑްސްގެ ސައި ލެގޫންގައި ވަނީ ނެޓްވޯކިން އިވެންޓްތައް ބާއްވާފައެވެ.

މި ހަރަކާތްތަކުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން، ރާއްޖޭގެ ވައިގެ ޚިދުމަތް ދެމުންގެންދާ ކުންފުނިތަކުންނާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެފަރާތްތަކުން ރާއްޖޭގެ ވައިގެ ސިނާއަތުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށް އެކަމުގެ މައުލޫމާތު ފޯރުކޮށްދީފައެވެ.

މިއަހަރުގެ ކޮންގްރެސްއާއި ގުޅޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލުން ބުނީ ކޮންގްރެސްގެ ބައިވެރިންނަށް ރާއްޖޭގެ ވައިގެ ސިނާއަތް ކުރިއަށްދާގޮތުގެ މައުލޫމާތާއި އެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު މި ހަރަކާތްތަކުގެ ތެރެއިން ދީފައިވާ ކަމަށެވެ.

މިއާއިއެކު މި ކޮންގްރެސްގެ ސަބަބުން މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ފުރުސަތުތަކެއް ވަނީ ފަހިވެގެން ގޮސްފައިކަމަށެވެ. އަދި ވިޔަފާރީގެ ގުޅުންތައް އުފެދި ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތުތައް ބައިވެރިންނަށް ލިބިގެން ގޮސްފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ.

ކޮންގްރެސް ރާއްޖޭގައި ބާއްވާފައިވާއިރު، އަންނަ އަހަރުގެ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް، ބާއްވާނީ ހާޓްސްފީލްޑް- ޖެކްސަން އެޓްލާންޓާ އިންޓަރނޭޝަނަލް އެއަރޕޯޓް، ކަމަށް ކަނޑައަޅައި އެކަން ވަނީ އިއުލާންކޮށްފައެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ.