ދިވެހިރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ރާއްޖޭގެ ދަރަންޏަށް މިސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިޖަލްސާގައި ވަޒީރު ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރުންގެންގުޅުއްވާ ތަސައްވުރާއި ޤައުމުގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ކަމަށާއި އެމަނިކުފާނާއި މާލީ ވަޒީރު އަދި އެމަނިކުފާނު އުފައްދަވާފައިވާ އިކޮނޮމިކް ކައުންސިލް ގުޅިގެން ކުރައްވާ މަސައްކަތުން ޤައުމު ބަނގުރޫޓުވިޔަ ނުދެއްވާނެ ކަމަށެވެ. އެގޮތުން، ރާއްޖެއަށް ބޭނުންވާ ބޭރު ފައިސާ ހޯދައިދީ، ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނިވެސް ދައްކައި އެކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ ގޮތުން ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން މަސައްކަތްތައް ކުރިއަށްގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، މިހާރުވެސް ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑޫ ސިޓީއަށް ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި ސީޕްލޭންގެ ޚިދުމަތް ފަށައި ތިން އަތޮޅުގެ ކަނެކްޓިވިޓީ ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށްވެސް ވިދާޅުވިއެވެ.
ކަނެކްޓިވިޓީ ރަނގަޅުވުމުން އައްޑޫގެ ޝަންގްރިއްލާ ހިންގަމުންދާ ފަރާތްތަކުން އަމިއްލައަށްވެސް އެތަނުގެ އޮޕަރޭޝަން ފަށަން ބޭނުންވާނެކަމަށާއި މިހާރުވެސް އެތަން އޮޕަރޭޝަނަށް ގެނައުމަށް މަޝްވަރާތައް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އައްޑޫގެ ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމަށް ބީއެމްއެލް އާއި އެމްއައިބީއާ ގުޅިގެން ފައިސާ ހަމަޖެއްސުމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އައްޑޫގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ބޭފުޅުން ވިދާޅުވީ އެ ބޭފުޅުން ބޭނުންވަނީ އެތާނގައި ހުރި ޓޫރިޒަމް ޒޯންތައް، ސިޓީ ކައުންސިލުން ދޫކޮށްފައި ހުރި ބިންތައް ތަރައްގީކުރުމަށް ކަމަށް. އެހެންމެ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ބީއެމްއެލް އާއި އެމްއައިބީ ތްރޫކޮށް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަހަރަކު އެންމެ މަދުވެގެން 100 މިލިއަން ރުފިޔާ މިއިން ކޮންމެ ބޭންކަކުން އެތަންތަން ޑިވެލޮޕް ކުރުމަށް ފެސިލިޓޭޓްކޮށްދިނުމަށްޓަކައި،" ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ލ.އަތޮޅުގެ ފަތުރުވެރިކަން ތަރައްގީކުރުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން އެއަތޮޅުގެ ބަރެސްދޫގެ ކަންކަން، ޗައިނާގެ ޕާޓީއަކުން ބަލަމުންދާއިރު ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން 3 ރަށެއް ދުބާއީގެ ކުންފުންޏަކަށް އެވޯޑްކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރެއިން އެއް ރަށަށް ފައިސާ ދައްކާފައިވާއިރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބާކީ ދެ ރަށަށް ފައިސާ ދައްކައި ދެތިން މަސް ދުވަހުގެ ތެރޭގައި ދުބާއީގެ ކުންފުނިން އެ ރިސޯޓުތަކުގެ މަސައްކަތް ފަށާނެ ކަމަށްވެސް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވިއެވެ.