ޚަބަރު

ލޭ ހޯދުމަށްކުރި ދިގުދަތުރު ނިމުމަކަށް، "ލޭ" އެޕްލިކޭޝަނުން ހުރިހާ ޚިދުމަތެއް ލިބޭނެ!


  • އެޕްލިކޭޝަންގައި ޑޯނަރެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް ވަނީ ހުޅުވާލާފައި

  • އެޕްލިކޭޝަންގެ ޚިދުމަތް ފަށާނީ އޯގަސްޓް 1އިން ފެށިގެން

ލޭ ހަދިޔާކުރުމާއި ލެއާއި ގުޅޭ ހުރިހާ ޚިދުމަތްތައް ދެވޭގޮތަށް ތައްޔާރުކުރި "ލޭ' އެޕްލިކޭޝަނާއެކު ލޭ ހޯދުމަށް ކުރާ ދަތުރު ކުޑަވެ، ލޭ ހަދިޔާ ކުރާ މީހުންނާ، ލޭ ލިބޭ ފަރާތާ އޮންނަ ގުޅުން ވަރުގަދަވެގެންދާނެކަމަށް ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "ލޭ" އެފްލިކޭޝަން އިފްތިތާޙްކުރުމަށާއި، ލޭ ހަދިޔާކުރާމީހުންގެ އަގުވަޒަންކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

'ލޭ" އެޕްލިކޭޝަނަކީރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި ލޭ ހަދިޔާކުރުމާއި، ލެއާއި ގުޅުންހުރި ޚިދުމަތްތައް އެއްތަނަކުން އެނގޭގޮތަށް އެޗްއާރުޑީއެންސީ އެލްއެލްޕީން ތައްޔާރުކުރި އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގެ ސަބަބުން، ލޭގެ ސަޕްލައި މެނޭޖްމަންޓް ކުރިއަށް ގެންދާ ގޮތް ބަދަލުކޮށް، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ބޭނުންތަކަށް ލޭގެ ސަޕްލައި އެންމެ އެކަށީގެންވާ ފެންވަރެއްގައި ބެލެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

މި އެޕްލިކޭޝަން އިފްތިތާހޙުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ މި އެޕްލިކޭޝަން ބޭނުންކުރަން ފެށުމުން، ލޭ ހޯދުމުގައިއިތުރު ފަސޭހައެއް ލިބިގެންދާނެކަމަށެވެ. އަދި "ލޭ" އެޕްލިކޭޝަނަކީ ޒަމާނާއެއްގޮތަށް ތަރައްޤީކޮށްފައިވާ ފަސޭހަ އެޕްލިކޭޝަނެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި އެޕްލިކޭޝަންގެ ސަބަބުން، ލޭ ހޯދުމަށްޓަކައި ކުރަންޖެހޭ ދަތުރުކުރުވެ، ހޮސްޕިޓަލްތަކާއި ލޭ ހަދިޔާ ކުރާ ފަރާތާއި، ލޭ ލިބޭ ފަރާތާ އޮންނަ ގުޅުން ވަރުގަދަވެގެން ދާނެކަމަށެވެ.

"އެޕްލިކޭޝަން ޒަރިއްޔާއިން ލޭ ހޯދުމަށް ބޭނުންވާ މީހާ، ލޭ ހޯދުމަށް އެދުމުން، އެޕްލިކޭޝަން ބޭނުންކުރާ އެންމެންނަށް މެސެޖްދާނެ، ވަރަށް ފަސޭހައިން ކަނެކްޓިވިޓީ މި އުފައްދައިދެނީ، މީހުންނާއި ހޮސްޕިޓަލްތަކާއި، ޒަމާނީ ޓެކްނޮލޮޖީ ސިއްޙީ ދާއިރާއަށް މުހިންމު ވަނީ މިހެންވެ. ކުރިން އުފުލަން ޖެހުނު ވަރަށް ގިނަ ވޭން، ތަކުލީފުތައް ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ޙައްލުވެގެން އެ ދަނީ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާ ކުރާމީހުންގެ ޢަދަދު ނިސްބަތުންމަދުކަން ފާހަގަކުރައްވާފައެވެ. އަދި ދަރުމަވެރިންގެ ގޮތުގައި ލޭ ހަދިޔާކުރުމަށް އިސްނެގުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

ސިއްޙީ ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރު ލޭ ހަދިޔާ ކުރުމަށް 507 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ރަޖިސްޓްރީކުރީ 240 މީހުން ކަމަށެވެ. އަދި އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާ ކުރަން މީހުން ހޭލުންތެރިކުރަން ޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޞިއްޙީ ވުޒާރާ އަދި މޯލްޑިވިއަން ބްލަޑް ސާރވިސަސްއާއި ގުޅިގެން ލޭ އެޕްލިކޭޝަން މެދުވެރިކޮށް، ލޭގެ ސްޓޮކް މަދުވާ ޙާލަތްތަކުގައި ލޭ އެޕުގައި ރަޖިސްޓަރކޮށްފައިވާ ޑޯނަރުންނަށް ވަގުތުން އެލާރޓް ފޮނުވާނެއެވެ. އަދި ކުއްލި ޙާލަތްތަކުގައި ލޭ ބޭނުންވާ ފަރާތްތަކުން ކުރާ ރިކުއެސްޓުތައް، ލޭ ދޭން ބޭނުންވާ މީހުންނާހަމައަށް ދާނެއެވެ.

މީގެއިތުރުން ލޭ އެޕްލިކޭޝަން މެދުވެރިކޮށް، ޑޯނަރުންނާއި ލޭ ބޭނުންވާ ފަރާތްތަކުގެ ރެކޯޑުތައް ބަލަހައްޓައި، ޑާޓާތައް ރައްކާތެރިކަމާއެކު މެނޭޖުކުރެވޭނެއެވެ. .

ލޭ އެޕްލިކޭޝަން އިފްތިތާޙުކުރިނަމަވެސް އޭގެ ޚިދުމަތްތައް ލިބޭޏީ އަންނަ މަހުގެ 1އިން ފެށިގެންކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން އަންނަ މަހުންފެށިގެން ޑައުންލޯޑުކުރެވޭނެއެވެ. ނަމަވެސް މިހާރުވެސް ވަނީ ލޭ ހަދިޔާކުރުމަށް ޑޯނަރެއްގެ ގޮތުގައި ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.