ޚަބަރު

ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ ޤައުމަށް އަގުހުރި ދަރިއެއް: ރައީސް


  • ކޮންމެ މީހަކީ ޤައުމުގެ ކުރިމަގަށް ކުރާ އުންމީދެއް

  • ދުނިޔޭގެ އާބާދީ ދުވަހަކީ ޖުލައި 11

ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ މީހަކީ ޤައުމަށް އަގުހުރި ދަރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ އާބާދީ ދުވަހާއި ގުޅިގެން ތަހުނިޔާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ މި ޤައުމަށް އަގުހުރި ދަރިއެއް ކަމަށާއި، އެއިން ކޮންމެ ރައްޔިތަކީ ދިވެހިންގެ ކުރިމަގަށް ކުރާ އުއްމީދުގެ ބައިވެރިއެއްކަމަށެވެ.

ދުނިޔޭގެ އަބާދީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދިވެހި ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޤައުމީ ފެންވަރުގައި މަޝްވަރާތައް ފަށަން ޖެހިފައިވާކަމަށް ސަރުކާރުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަންވަނީ އެންމެފަހުން ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާފައެވެ. މިކަންބޮޑުވުން އިތުރުވާ މައިގަނޑު ސަބަބަކީ ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ މަސައްކަތްކުރާ ޢުމުރުގެ އާބާދީ ބޮޑުތަނުން ދަށަށް ގޮސް ޤައުމުގެ އިޤްތިޞާދަށް އަސަރުކުރާނެތީއެވެ.

ރާއްޖޭގައި އެންމެފަހުން ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ މަސައްކަތްތަކުގެ ނަތީޖާ ދައްކާގޮތުގައި، 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީއަކީ 338434 މީހުންނެވެ. އަދި 2022 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާބާދީއަކީ 382751 މީހުންނެވެ.

އެ 8 އަހަރު ތެރޭގައި އާބާދީއަށް އިތުރުވީ 44317 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ. ހަމަމިއާއެކު މި މުއްދަތުގައި ރާއްޖޭގެ ދޮށީ ޢުމުރުގެ އާބާދީ އިތުރުވެގެންދާނެއެވެ. މިހާރު އޮތްގޮތަށް އޮވެއްޖެނަމަ ރިޓަޔަރވާ ބޮޑު އާބާދީއަކާއެކު މަސައްކަތްކުރާ ޢުމުރުގެ އާބާދީ ކުޑަވުމުގެ ސަބަބުން ޤައުމުގެ ހިންގުމަށް ބުރަ ބޮޑުވެގެންދާނެކަމުގެ ކަންބޮޑުވުން އެކިފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ 1989 ވަނަ އަހަރު އ.ދ އިންނެވެ.