ޚަބަރު

މިދިޔަ އަހަރު ކުންފުނިތަކުގެ ފައިދާ ދަށަށް، ނުކަތާވަރަށް މުވައްޒަފުން ނެގި: ޕީސީބީ ރިޕޯޓު


  • 2023 ވަނަ އަހަރު 18 ކުންފުނި ގެއްލުމުގައި ހިންގި

  • ގިނައީ ސަރުކާރުން މާލީ އެހީ ދީގެން ހިންގާ ކުންފުނިތައް

މިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 49.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުނަމަވެސް ސާފު ފައިދާ ދަށްވެފައިވާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ބުނެފިއެވެ. ޕީސީބީން މިހެން ބުނީ އެ ބޯޑުން އެކުލަވާލި ރިޕޯޓެއްގައެވެ.

މިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގޮތުގައި 31 ކުންފުނި އޮތެވެ. އޭގެތެރޭގައި ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާވާ 20 ކުންފުނި ހިމެނެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޢާންމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓާރގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޖުމްލަ 49.9 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނެވެ. ނަމަވެސް ސާފު ފައިދާ ވަނީ 4.32 ބިލިއަން ރުފިޔާއިން 2.33 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ކުންފުނިތަކުގެ ހިންގުންތެރިކަމަށް ބަލާއިރު 2023 ވަނަ އަހަރު 18 ކުންފުނި ގެއްލުމުގައި ހިންގިއެވެ. އޭގެ ތެރޭގައި ގިނައީ ސަރުކާރުން މާލީ އެހީ ދީގެން ހިންގާ ކުންފުނިތައް ކަމަށް ރިޕޯޓުގައިވެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ސަރުކާރު ހިއްސާ ކުންފުނިތަކުގެ ޖުމްލަ އެސެޓް 165 ބިލިއަން ރުފިޔާ އިން 178 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު ކުންފުނިތަކުން ލޯނުގެ ގޮތުގައި އިތުރަށް 1.12 ބިލިއަން ރުފިޔާ މިދިޔަ އަހަރު ވަނީ ނަގާފައެވެ.

ކުންފުނިތައް ބޮޑެތި ޢަދަދުތަކުން ލޯނު ނެގި

ލޯނު ނެގި ގޮތުގެ ތަފްސީލު އަހަރުން:

* 2021 ވަނަ އަހަރު - 30،725 މިލިއަން ރުފިޔާ
* 2022 ވަނަ އަހަރު - 33،917 މިލިއަން ރުފިޔާ
* 2023 ވަނަ އަހަރު - 35،038 މިލިއަން ރުފިޔާ

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކޮންމެ އަަހަރަކު ބަޖެޓްކޮށްގެން ކެޕިޓަލާއި ގްރާންޓްގެ ގޮތުގައި އަދި ސަބްސިޑީގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން 2023 ވަނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 4.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އެގޮތުން ގްރާންޓްގެ ގޮތުގައި 193 މިލިއަން ރުފިޔާ، ސަބްސިޑީގެ ގޮތުގައި 3،761 މިލިއަން ރުފިޔާ އަދި ކެޕިޓަލްގެ ގޮތުގައި 1،005 މިލިއަން ރުފިޔާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވަނީ ދީފައެވެ.

ޕީސީބީގެ މިރިޕޯޓުގައި ވާގޮތުން ސަރުކާރުގެ ކުންފުނިތަކަށް ގިނަ ޢަދަދެއްގެ މުވައްޒަފުންވެސް ނަގާފައިވެއެވެ. އެގޮތުން އެންމެ ގިނަ ޢަދަދަށް މުވައްޒަފުން އިތުރުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި، އެޗްޑީސީ، ސްޓެލްކޯ އަދި އެމްޓީސީސީއަށެވެ.

ނުކަތާވަރަށް މުވައްޒަފުން އިތުރުކުރި

މުވައްޒަފުން އިތުރުކުރި ގޮތުގެ ތަފްސީލް:
1- އެމްޓީސީސީ: 734 މުވައްޒަފުން
2- ފެނަކަ: 682 މުވައްޒަފުން
3- ސްޓެލްކޯ: 302 މުވައްޒަފުން
4- އެޗްޑީސީ: 642 މުވައްޒަފުން


މިއާއެކު މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުނިތަކުން ކުރާ ހޭދަ 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރާކަމަށްވެސް ޕީސީބީގެ ރިޕޯޓުގައިވެއެވެ.
ކުރީ ސަރުކާރުގެ 5 އަހަރުގެ ދައުރުގައި ކުންފުނިތަކުގެ ޖުމްލަ ދަރަނި އެކަނިވެސް 98 ބިލިއަނަށް އަރައިގެންދިޔަކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ސަރުކާރު އާއިރު ދައުލަތުގެ ކުންފުނިތަކުގެ މާލީ ޙާލަތު އޮތީ ވަރަށް ބޮޑަށް ދަށުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ގިނަ ކުންފުނިތައް އޮތީ މާލީ ޙާލަތު ދަށްވެ ބަނގުރޫޓުވާ ހިސާބުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ފައިދާވާ ކުންފުނިތަކުގެ ހާލަތުވެސް ގޯސްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މިގޮތުން ނިމުނު ސަރުކާރުގެ ދައުރު ހަމަވިއިރު ދިވެހި ކުންފުނިތައް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާ ނުދައްކާ އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.

ސަރުކާރު ޙިއްސާވާ ކުންފުނިތަކަކީ ސަރުކާރުން އެ ކުންފުނިތައް ހިންގުމަށް ޚަރަދު ކުރުން ހުއްޓާލައި، ފައިދާވާ ކުންފުނިތަކަށް ހެދުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. ކުންފުނިތަކުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅުތަކާއެކު ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތި ކުރެވޭ އުސޫލު ވަނީ ކަނޑައަޅާފައެވެ. އަދި ކުންފުނިތަކުން ނަގާފައިވާ ލޯނުތަކާއި ދަރަނިތައް ދޭއްކޭނެ ގޮތްތަކެއް ހޯއްދަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.