ޚަބަރު

އިސްލާމް ދީނަކީ ދިވެހި މުޖްތަމަޢުގައި ބަދަލުކުރުމަށް ޖާގަނުދެވޭނެ އަސްލެއް: ބަންޑާރަ ނައިބު


  • އައި.ސީ.ސީ.ޕީ.އާރު ރިވިއު ކުރިއަށްދަނީ ސްވިޓްޒަލޭންޑުގައި

  • ރާއްޖޭގެ އިސް ވަންދެއް ބައިވެރިވެވަޑައިގަންނަވާ

އިސްލާމް ދީނަކީ ދިވެހި މުޖްތަމަޢުގައި ބަދަލުކުރުމަށް ޖާގަ ނުދެވޭނެ އަސްލެއްކަމަށް ބަންޑާރަ ނައިބު، އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަ ނައިބް މިހެން ވިދާޅުވީ އ.ދ ގެ އިންޓަރނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު) ގެ ޤައުމީ ރިވިއުގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއެއް ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ނުވަތަ އައި.ސީ.ސީ.ޕީ.އާރުގެ ދަށުން 2 ވަނަ ޕީރިއޯޑިކް ރިޕޯޓު 2022 ވަނަ އަހަރުގެ މާރިޗު މަހު ރާއްޖެއިން ވަނީ ހުށަހަޅާފަވެއެވެ. މި ރިޕޯޓު ރިވިއު ކުރުމަށްޓަކައި، އދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމެޓީން ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިމަހުގެ 9 އިން 10 އަށް ކުރިއަށް ގެންދިޔަ ރިވިއުގައި ރާއްޖޭގެ ފަރާތުން މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންފައެވެ.

މި ރިވިއު ފެށުމުގެ ގޮތުން ރާއްޖޭގެ ވަފުދުގެ އިސްވެރިއާގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވީ، އިސްލާމް ދީނަކީ، ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސްކަމަށެވެ. އަދި އެއީ ދިވެހި މުޖްތަމަޢުގައި ބަދަލުކުރުމުގެ ފުރުސަތު ނުދެވޭނެ އަސްލެއް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.


މީގެ އިތުރުން ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބަނޑާރަ ނައިބު އަލިއަޅުވާލެއްވިއެވެ. އަދި މަދަނީ އަދި ސިޔާސީ ހައްޤުތައް ރާއްޖޭގައި ލިބޭނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި އިސްލާމް ދީނުގެ އަސްލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.

މި ރިވިއު ސެޝަނަށް ފަހު، ދިވެހި ސަރުކާރުގެ ރިޕޯޓާއި، ރިވިއު ސެޝަންގައި އ.ދ ގެ އިންސާނީ ހައްޤުތަކާއިބެހޭ ކޮމެޓީއާއި ހިއްސާ ކުރެވުނު މައުލޫމާތަށް ރިއާޔަތްކޮށް ފާހަގަކުރެވުނު ކަންކަމާއި، ކޮމެޓީގެ ލަފާތައް ހިމެނޭ ރިޕޯޓު މިމަހުގެ 19 ވަނަ ދުވަހު ދިވެހި ސަރުކާރާއި ހިއްސާ ކުރައްވާނެއެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ރިވިއުގައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހާއި، ބަނޑާރަ ނައިބުގެ އޮފީހާއި، ޚާރިޖީ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނީއްޔާތާއި ބެހޭ ވުޒާރާއާއި، އިޖްތިމާޢީ އަދި ޢައިލީ ތަރައްޤީއާއިބެހޭ ވުޒާރާގެ އިތުރުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖެނިވާގައި ހުންނަ އ.ދގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ހުންނަ ދާއިމީ މިޝަން ހިމެނޭ ގޮތުން ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.