ޚަބަރު

ސީއޭ މޯލްޑިވްސްގެ ފުރަތަމަ އިންތިޚާބު، ރައީސަކަށް ޙަލީމް، ނައިބަކަށް ފާރިސް


  • ސީއޭ އިންސްޓިޓިއުޓުގައި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ 168 މެންބަރުން ހިމެނޭ

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް، ސީއޭ މޯލްޑިވްސްގެ ފުރަތަމަ ފަހަރަށް އިންތިޚާބެއް ބާއްވާ، ކައުންސިލަށް ބެންބަރުން އިންތިޚާބުކޮށްފިއެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭއަކީ ރާއްޖޭގެ އެކައުންޓަންސީ ޕްރޮފެޝަނާގުޅޭ ކަންކަން، ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ޤާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ. މި އިދާރާ އުފައްދާފައިވަނީ 2020 ވަނަ އަހަރު އެކުލަވާލި ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުންނެވެ.

މީގެ ކުރިން ސީއޭ ހިންގަމުން ދިޔައީ އިންތިޤާލީ ކައުންސިލެއްގެ ދަށުންނެވެ. އިންތިޤާލީ ކައުންސިލްގެ ދައުރަކީ 4 އަހަރެވެ. މި ކައުންސިލްގައި ހިމެނެނީ ރާއްޖޭގެ އޮޑިޓަރ ޖެނެރަލާއި، ސްޓޭޓް ފައިނެންޝިއަލް ކޮންޓްރޯލާއާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އައްޔަންކުރާ ދެ މެންބަރަކާއި، ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ އެކައުންޓިން ދާއިރާގެ ޕްރޮފެޝަނަލުންގެ ތެރެއިން އޮޑިޓަރ ޖެނެރަލް އައްޔަންކުރާ 4 މީހެކެވެ.


ނަމަވެސް މިހާރު މިވަނީ މި މެންބަރުންގެ ދައުރު ހަމަވާން ގާތްވެފައެވެ. ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުގައިވާ ގޮތުން އިންތިޤާލީ ކައުންސިލްގެ މުއްދަތު ހަމަވުމުގެ 60 ދުވަސް ކުރިން އިންސްޓިޓިއުޓްގެ ކައުންސިލަށް 6 މެންބަރުން އިންތިޚާބުކުރަންވާނެއެވެ.

މިގޮތުން ސީއޭ އިންސްޓިޓިއުޓްގެ ރައީސާއި ނައިބު ރައީސާއި 4 ޖެނެރަލް ކައުންސިލް މެންބަރުން ހޮވުމަށް މިއަދު ވަނީ އިންތިޚާބެއް ބާއްވާފައެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބެނީ އިންސްޓިޓިއުޓްގެ މެންބަރުންނަށެވެ. އިންތިޚާބު ބާއްވާފައިވަނީ މެންދުރު 1 އިން ހަވީރު 5:30 އަށެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ސީއޭ އިންސްޓިޓިއުޓްގެ ރައީސްކަމަށް އިންތިޚާބުވެފައިވަނީ އިބްރާހީމް ނަޢީމާ ވާދަކޮށް މުޙައްމަދު ޙަލީމް ޢަބްދުﷲއެވެ. ނައިބު ރައީސްކަމަށް އިންތިޚާބުވެފައިވަނީ ހައްވާ ފަޖުވާއާ ވާދަކޮށް ޢަލީ ފާރިސް މުޙައްމަދެވެ. އަދި ޖެނެރަލް ކައުންސިލް މެންބަރުންގެ ގޮތުގައި އިންތިޚާބުވި 4 މެންބަރުންނަކީ އިބްރާހީމް ފަޒީލާއި، މުޙައްމަދު ސިރާޖް މުނީރާއި، އިބްރާހީމް ޝަބީންގެ އިތުރުން ޢަލީ މުޢާޒެވެ.

ސީއޭ އިންސްޓިޓިއުޓް އެކުލެވިގެންވަނީ ގަވަރނިން ކައުންސިލެއްގެ ދަށުން ކޮމިޓީތަކެއްގެ މައްޗަށެވެ. އެގޮތުން ޖުމްލަ 9 ކޮމިޓީއެއް މި އިންސްޓިޓިއުޓުގައި އޮވެއެވެ. އަދި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ޖުމްލަ 168 މެންބަރުން މި އިންސްޓިޓިއުޓްގައި ހިމެނެއެވެ.