ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ސަރުކާރުން ގެންގުޅުއްވާ ރަނގަޅު ވިސްނުމެއް ކަމަށާއި، މިކަމުގެ ސަބަބުން ވޯޓުލާ މީހުންގެ ނިސްބަތްވެސް އިތުރުވެގެންދާނެކަމަށް ޤަބޫލުކުރެއްވޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިހެން ވިދާޅުވީ ރާއްޖޭޣައި ބާއްވާ އެންމެ ބޮޑު ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާތީ އެކަމާ ގުޅިގެން ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިވަކިން ބޭއްވުމުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ޚަރަދުތައް އެތައް ގުނައެއް ބޮޑުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެ އިންތިޚާބު އެކުގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތްކަމަށް ވިދާޅުވެފައެވެ. އަދި އެކަން ނިންމަވާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ރައްޔިތުން އެގޮތަށް ނިންމުމުންކަމަށެވެ.
މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް އެކި ފަހަރުމަތިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާއި ކުރީގެ ސަރުކާރުތަކުގައިވެސް ދަންނަވާފައިވާނެ ކަމަށެވެ. އެގޮތުން، ދެ އިންތިޚާބުގެ ދޭތެރޭގައި ހޭދަވާ ކުރު މުއްދަތުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން އަދި ވޯޓުލާ މީހުންނަށްވެސް ބުރައަކަށްވެގެންދާ ކަމަށްވެސް ފުވާދު ވިދާޅުވިއެވެ.
ފުވާދު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތްގޮތުން ދެ އިންތިޚާބު އެކުގައި ބޭއްވުމަކީ މިވަގުތަށް ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. މީގެ ސަބަބުން ދެ އިންތިޚާބަށް ކުރަންޖެހޭ ހޭދައާއި ވަގުތު މަދުވެ، ރައްޔިތުން ހޭލުންތެރިކުރުމާއި އިންތިޚާބުގެ ކަންކަން ތަރައްގީކުރުމަށް ފަސޭހަވެގެންދާނެކަމަށް ފުއާދު ވިދާޅުވިއެވެ.
މީގެ އިތުރުން ދެ އިންތިޚާބު އެކުގައި ބޭއްވުމުން އެވްރެޖުކޮށް އިންތިޚާބަކަށް ކުރާ ޚަރަދުގެ 45 އިންސައްތަ ސަލާމަތްކުރެވޭނެ ކަމަށްވެސް ފުވާދު ވިދާޅުވިއެވެ. އެގޮތުން، އިންތިޚާބަކަށް އެވްރެޖުކޮށް 120 މިލިއަން ރުފިޔާ ހޭދަވާއިރު ރިޔާސީ އިންތިޚާބުގެ ދެ ބުރާއި މަޖިލިސް އިންތިޚާބު އެއްކޮށް 300 މިލިއަނެއްހާ ރުފިޔާ ހޭދަވާކަން ފުއާދު ފާހަގަކުރެއްވިއެވެ. ދެ އިންތިޚާބު އެކުގައި ބޭއްވުމުން މުޅި ޖުމްލަ ކުރަންޖެހޭ ޚަރަދު 150 މިލިއަނަށްވުރެ އިތުރުނުވާނެކަމަށްވެސް ފުވާދު ވިދާޅުވިއެވެ.
"ކުރިއަށް އޮތްތަނުގައި ރަނގަޅު ބަދަލުތަކެއް ގެންނަން އަޅުގަނޑުމެން ވިސްނާއިރު މި ދެ އިންތިޚާބު އެއްވުމަކީ އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް." އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވިއެވެ.
ފުވާދު ވަނީ ދެ އިންތިޚާބު އެކުގައި ބޭއްވުމަކީ ވޯޓުލާ މީހުންގެ ޢަދަދު އިތުރުވާނެކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރިޔާސީ އިންތިޚާބުތަކުގައި އެވްރެޖުކޮށް 90 އިންސައްތަ މީހުން އަދި މަޖިލިސް އިންތިޚާބުތަކުގައި އެވްރެޖުކޮށް 80 އިންސައްތަ މީހުން ވޯޓުލާއިރު ދެ އިންތިޚާބުއެކުގައި ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު 90 އިންސައްތައަށްވުރެ އިތުރުވާނެކަމަށް ބެލެވޭކަމަށް ފުވާދު ވިދާޅުވިއެވެ.
"ދެ އިންތިޚާބު އެއްކޮށްލައިފިއްޔާ 90 ޕަސެންޓަށްވުރެ މައްޗަށް ދާނެ ސްޓެޓިސްޓިކަލް ގޮތުން ބަލާއިރު. އޭރުން ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ތެރެއަށް އިތުރުވެގެންދާނެ އެ އިންތިޚާބުގައި ވޯޓުނުލައި މަޖިލިސް އިންތިޚާބުގައި ވޯޓުލާމީހުންވެސް." އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި އޮފިޝަލުން ލިބުމުގައި ފަސޭހަކަމަށާއި، މަޖިލިސް އިންތިޚާބުގައި އޮފިޝަލުން ހޯދުމުގައި ހުރި ދަތިކަން ފާހަގަކުރައްވައި ފުވާދު ވިދާޅުވީ ދެ އިންތިޚާބު އެއްކުރުމުން އޮފިޝަލުން ލިބުމުގައިވެސް ހުރި ދަތިތަކަށް ޙައްލެއް އަންނާނެކަމަށެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.