ޚަބަރު

ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެންނަންޖެހޭ: ނާޡިމް


  • ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް އިސްކަން ދެއްވަން ޖެހޭކަމަށް ވިދާޅުވި

  • މިއަދުގެ ޙާލަތަށް ބަލައި މާލީ ޒިންމާދާރުކަން ކަށަވަރުކުރުން މުހިންމު

ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި ބަދަލުތައް ގެންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.

ނާޡިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދާ ދެ ދުވަހުގެ ޕްރޮގްރާމެކެވެ.

މިރަސްމިއްޔާތުގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ އައު މެންބަރުންތަކަކާ އައު ޒިންމާތަކެއް ހަވާލުކުރީ އައު ވިސްނުންތަކަކާއެކު، އެ ޒިންމާތައް އަދާކުރެއްވުމުގެ އުއްމީދުގައިކަމަށެވެ. އެހެންވެ، ހުރިހާ މެންބަރުންވެސް އެބޭފުޅުންގެ ޒިންމާތައް އަދާ ކުރައްވައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް އިސްކަން ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ނާޡިމް ވިދާޅުވީ، އައު ޤާނޫނު އަސާސީގެ ހިޔާވަހިކަމުގައި 2008ން ފެށިގެން ދިވެހި ޤައުމު 15 އަހަރު ވޭތިކޮށްފައިވާއިރު ޤާނޫނު އަސާސީ ތަންފީޒުކުރުމުގައި ކާމިޔާބީ ހާސިލުކޮށްފައިވާ މިންވަރާއި ދައުލަތުން ކޮށްފައިވާ ހޭދައާ މެދު ވިސްނުން ހިންގާލަން ޖެހޭ ކަމަށެވެ. އަދި މިއަދުގެ ހާލަތަށް ބަލައި މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަޅަންޖެހޭ ބައެއް އިސްލާޙީ ފިޔަވަޅުތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެނެސް، ކަންކަން އިޞްލާހުކޮށް، ބައެއް ކަންކަން އަލުން މުރާޖަޢާ ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

މެންބަރުންގެ މަސައްކަތުގައި ރައްޔިތުންގެ އަޑު އެހުމަށް ބާރުއަޅުއްވައި، ނާޡިމް ވަނީ ގާނޫނުތައް ހެދުމުގެ މަސައްކަތުގައި ރައްޔިތުންގެ ވިންދާއި އިހުސާސްތަކަށް ރިޢާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މަސައްކަތުގައި ނަޒާހަތްތެރިކަމާއި، އަމިއްލައަށް ޖަވާބުދާރީވުމާއި ޖަވާބުދާރީ ކުރުވުމާއި ތިންބާރު ވަކިވެފައިވާ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމު ކަމަށްވެސް އަލިއަޅުވައިލެއްވިއެވެ.

ނާޡިމް ވަނީ، ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓިކް އަގުތައް ދެމެހެއްޓުމަށާއި ގައުމީ ލަނޑުދަނޑިތައް ހާޞިލުކުރުމުގައި އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ރިޢާޔަތް ކުރުމަށްވެސް އެދިވަޑައިގެންފައެވެ. އަދި ޕާޓީތަކުގެ ޚިޔާލު ތަފާތުވުންތަކުން މެންބަރުން އެއްކިބާވެ، ނަތީޖާ ނެރެދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން ކުރިއަށް ދާންޖެހޭނީ ހަޤީޤީ މާނައިގައި ރައްޔިތުންގެ އިޙުސާސްތަކާއި އުންމީދުތައް ތަމްސީލުކުރާ މަޖިލީހެއް ދެމެހެއްޓުމަށް މަސައްކަތް ކުރަމުން" މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމް ވިދާޅުވިއެވެ.

ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ ބައްދަލުވުމުގައި މެންބަރުން މަސައްކަތް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ގިނަ ދާއިރާތަކުން މަޢުލޫމަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.