ޚަބަރު

ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަކީ އަމާޒެއް: ވަޒީރު އަމީން


  • ވަޒީރު މިހެން ވިދާޅުވީ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގައި

  • އޭވިއޭޝަން ދާއިރާއަށް ގެންނަ ބަދަލުތަކާއެކު ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެކަމަށް

ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސް ފަތުރުވެރިކަން ކުރިއެރުވެން އޮތް އެންމެ މަތީ ފަންތިއަކަށް ކުރިއެރުވުމަކީ އަމާޒެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މުޙައްމަދު އަމީން މިހެން ވިދާޅުވީ އޭވިއޭޝަން ދާއިރާގެ އިސް މަންދޫބުން ބައިވެރިވާ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންނަށް މަރުހަބާ ކިޔުމަށް ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓުގައި ބޭއްވި ޚާއްސަ އިވެންޓުގައެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ކުރިއަށްދާނީ މިމަހުގެ 11ގެ ނިއަލަށް ކުރުނބާ މޯލްޑިވްސްގައެވެ. މިއަހަރުގެ ބައްދަލުވުމުގައި ޖުމްލަ 27 އެއަރލައިނާއި 17 އެއަރޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

މަންދޫބުންނަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ މިފަދަ ބައްދަލުވުމެއްގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިކޮންގްރެސްގެ ސަބަބުން ޤައުމުތަކުގެ ފަތުރުވެރިކަން ކުރިއަރައިގެން ދިޔުމުގެ އިތުރަށް އިޤްތިސާދީ ގޮތުންވެސް ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ހުރި ފުރުސަތުތަކުގެ ބޭނުން ދެނެގަނެ، އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މިއީ ލިބޭ ރަނގަޅު ފުރުސަތެއް، ޚިޔާލުތައް ބަދަލުކޮށް، ގުޅުންތައް ބަދަހިކުރުމަށް މިފަދަ ބައްދަލުވުންތައް މުހިއްމު،" ވަޒީރު އަމީން ވިދާޅުވިއެވެ.

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އަމީން ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ގިނަ ކުރިއެރުންތަކެއް ގެނައުމަށް އަމާޒު ހިފާފައިވާ ކަަމަށެވެ. އަދި މިހާރު ގެންނަ ބަދަލުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ގިނަ ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

"ރާއްޖޭގެ އޭވިއޭޝަން ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރެވެމުން، މިގެންނަ ބަދަލުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދެވޭނެ،" ވަޒީރު އަމީން ވިދާޅުވިއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ އެކި ހަރަކާތްތައް 3 ރިސޯޓެއްގަައި ކުރިއަށް ގެންދާނެއެވެ. އެގޮތުން ކޮންގްރެސްއަށް އަންނަ މަންދޫބުންނަށް މަރުހަބާ ކިޔުމަށް ބޭއްވި ޚާއްސަ އިވެންޓް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ބާއްވާފައިވާއިރު، ނެޓްވޯރކިންގެ ޚާއްސަ އިވެންޓެއް ކްރޮސް ރޯޑްސްގެ ސައީ ލެގޫން މޯލްޑިވްސްގައި ކުރިއަށްދާނެއެވެ. އަދި ކޮންގްރެސްގެ ރަސްމީ ބައިތަކާއި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ކުރުނބާ މޯލްޑިވްސްގައެވެ.