ޚަބަރު

އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރި 22 އުޅަނދެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފި


  • 22 އުޅަނދާއި ސްޕެއާ ޕާޓްސް އެތެރެކުރިކަން ކަސްޓަމްސްގެ ތަހުގީގަށް ވަނީ ސާބިތުވެފައި

  • މިމުދާ ޑިކްލެއާ ކޮށްފައިވަނީ ޕްލައިވުޑާއި ޓިމްބާ ގޮތުގައި

އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރި 22 އުޅަނދެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިގޮތަށް ހުކުމްކޮށްފައިވަނީ އަމިއްލަ މީހަކު އޮޅުވާލައިގެން ރާއްޖެއަށް އުޅަނދުތަކެއް އެތެރެކޮށްފައިވާތީ އެކަމާގުޅިގެން ކަސްޓަމްސްއިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއާ ގުޅިގެންނެވެ.

ކަސްޓަމްސްއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވާ ގޮތުގައި އަމިއްލަ ފަރާތަކުން މާލެ ވިޔަފާރި ބަނދަރުން ނެރެގެން ގެންދިޔަ ދެ ކޮންޓެއިނަރުގައި އޮޅުވާލައިގެން 22 އުޅަނދާއި ސްޕެއާ ޕާޓްސްތައް އެތެރެކޮށްފައިވާކަން އެއިދާރާގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ. އެ ދެ ކޮންޓެއިނަރުގައި ހުރި މުދާކަމުގައި ޑިކްލެއާ ކޮށްފައިވަނީ ޕްލައިވުޑާއި ޓިމްބާގެ ގޮތުގައި ކަމަށް ވަނީ ބުނެފައެވެ.

މިމައްސަލަ ރައްދުވާ ފަރާތުން ވަނީ އެއީ އޭނާގެ މުދާ ނޫން ކަމަށް ކޯޓުގައި ބުނެފައެވެ. ނަމަވެސް އިތުރު ދިފާއެއް އަދި ހެއްކެއްވެސް ޝަރީއަތަށް އޭނާ ހުށަހަޅާފައިނުވެއެވެ. ނަމަވެސް އޭނާގެ ލޮގިން ބޭނުންކޮށްގެން ޑިކްލަރޭޝަން ހުށަހަޅާފައިވާއިރު އޭގެ ޒިންމާ ނަގަންޖެހޭކަން ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާގޮތުގައި ދައުލަތަށް ނެގުމަށް އެދިފައިވާ 22 އުޅަނދާއި ސްޕެއާ ޕާޓްސްއަކީ ސިއްރުން ރާއްޖެއަށް އެތެރެކޮށްފައިވާ މުދާކަން މަދަނީ މިންގަނޑުތަކުން ސާބިތުވާ ކަމަށެވެ. އެހެންވެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އެ މުދާ ދައުލަތަށް ނެގުމަށް އެކޯޓުން ވަނީ އަމުރުކޮށްފައެވެ.