ނިމުނު ހަފްތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. އެ ގޮތުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކޮށް، ޤައުމީ ދިފާޢީ ބާރުގެ ވަޞީލަތްތައް އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" ރާއްޖެ ގެނައީ މިދިޔަ ހުކުރު ދުވަހު (އޮގަސްޓް 15) އެވެ. މި މަނަވަރު ކޮމިޝަންކޮށް، ދިފާޢީ ބާރާ ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރުން ނިމުނު ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަރިއަތޮޅު އުތުރުބުރިއަށް ދަތުރުފުޅެއްކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން އއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ރަށްރަށުގައި ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ފަށްޓަވައިދެއްވައި، ނިމިފައިވާ މަޝްރޫޢުތަކާއި ޤާއިމުކުރި ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. މި ދަތުރުފުޅުގެ ތެރެއިން އއ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިނުވާ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުން ފާހަގަކުރިއެވެ. ދަތުރުފުޅުކުރައްވާފައިވަނީ އޮގަސްޓް 19 ވަނަ ދުވަހުން 21 އޮގަސްޓަށެވެ.
• ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވި (19 އޮގަސްޓް)
• މަތިވެރީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްއޭސީއެލްއަށް (19 އޮގަސްޓް)
• ކާސާމިއާ ހުރި ބިން މަތިވެރީގެ ކައުންސިލާއި ހަވާލުކުރުން (19 އޮގަސްޓް)
• ބީއެމްއެލްއިން އުކުޅަހުގައި ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި (21 އޮގަސްޓް)
(18 އޮގަސްޓް) ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރަކަށް މުޙައްމަދު ޝަފީގު މަޙުމޫދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޚަބަރު ފާހަގަކޮށްލެވެއެވެ. މުޙައްމަދު ޝަފީގު އެ މަޤާމަށް އައްޔަންކުރަނީ، ކޮމިޝަނުގެ މެންބަރުކަމުގައި މިހާރު ހުންނެވި ދެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވަމުންދާތީއެވެ. މަޤާމުގެ މުއްދަތު ހަމަވާން ގާތްވެފައިވާ ދެ މެންބަރުންނަކީ ނައިބު ރައީސް މޫމިިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު ޢަބްދުއްރައްޒާގެވެ.
(20 އޮގަސްޓް) މީގެ އިތުރުން މުހިންމު ޤާނޫނުތަކެއް ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާލާ، މަޖިލިސް ޗުއްޓީއަށް ދިޔައީ ނިމުނު ބުދަ ދުވަހުއެވެ. މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދެވަނަ ދައުރުގެ ތެރޭގައި 27 ޖަލްސާއެއް ބާއްވައި، 127 ކޮމިޓީ ބައްދަލުވުމެއް ބާއްވާފައިވެއެވެ.
ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ބައުވެފައިވާ ކައުންސިލް އިމާރާތްތައް އައުކޮށް، މަސައްކަތްކުރާ ފަހި މާޙައުލެއް ކައުންސިލްތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ހަވާލުކުރީވެސް ނިމުނު ހަފުތާގައެވެ. (17 އޮގަސްޓް) މި މަސައްކަތް އާރުސީސީއާ ހަވާލުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. (17 އޮގަސްޓް) އަދި ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން 129 ހެކްޓަރުގެ ބިން ހިއްކާފައިވާކަން ސަރުކާރުން ހާމަކުރީވެސް ނިމުނު ހަފުތާގައެވެ. (21 އޮގަސްޓް) އަދި މި މަސައްކަތް އަވަސްކުރުމަށް ކުރިން ބޭނުންކުރި ޑްރެޖަރަށްވުރެ ދެގުނަ ޤާބިލުކަންހުރި ޑްރެޖަރެއް ގެނެސް، މަސައްކަތް ފެށީ ނިމުނު ބުރާސްފަތި ދުވަހުއެވެ.
(21 އޮގަސްޓް) ހަމައެއާއެކު ބޮޑު ތަކުރުފާނު މަގުގެ އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީވެސް ބުރާސްފަތި ދުވަހުއެވެ. މި މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީންނެވެ. (21 އޮގަސްޓް) މީގެ އިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑިޒައިންގެ މަސައްކަތާއި 6 ރަށެއްގެ ސިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް، އެމްޓީސީސީއާއި އާރްޑީސީއާ ހަވާލުކުރީވެސް ނިމުނު ހަފުތާގައެވެ.
(16 އޮގަސްޓް) އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 1އިން ޚިދުމަތްދިން ފުރަތަމަ ލަގްޒަރީ އެއަރލައިނަކަށް ބިއޯންޑްވި ޚަބަރު ފާހަގަކޮށްލެވެއެވެ. ވީއައިއޭގެ ޕެސެންޖަރ ޓަރމިނަލް 1އިން މިހާރު ޚިދުމަތް ދެމުންދަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންއާއި އެއަރ އަރަބިއާއަށެވެ.
(20 އޮގަސްޓް) މީގެ އިތުރުން ނެޓްފިލްކްސްގެ އެންމެ ކާމިޔާބު އެއް ސީރީޒްކަމަށްވާ "ވަން ޕީސް" ގެ ތަރި ޓެޒް ސްކައިލަރ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި ހަމަޖެއްސީ މިދިޔަ ބުދަ ދުވަހުއެވެ. ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑާޝިޕް ޕްރޮގްރާމަކީ ބައިނަލްއަގްވާމީ އޯޑިއަންސްތަކުގެ ތަފާތު ގިންތިތަކަކަށް ދިވެހިރާއްޖެ ޕްރޮމޯޓްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
(16 އޮގަސްޓް) އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ޣައްޒާގެ މިނިވަންކަމަށް ގޮވާލައި، ރާއްޖޭގައި ޤައުމީ ބޮޑު އެއްވުމެއް ބޭއްވީ ނިމުނު ހޮނިހިރު ދުވަހުއެވެ. މި އެއްވުމަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. (16 އޮގަސްޓް) އަދި އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކުރުމަށް، ޒަކާތު ސްކޮލަރޝިޕް 24 ދަރިވަރަކަށް ދިނީވެސް ނިމުނު ހަފުތާގައެވެ.
(19 އޮގަސްޓް) ނިމުނު ހަފުތާގެ އަންގާރަ ދުވަހު ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ރާއްޖޭގައި ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލި ޚަބަރު ފާހަގަހޮށްލެވެއެވެ. އަދި އއ. ތޮއްޑޫގައި އެމްއެންޔޫގެ ފުޑް ފެކަލްޓީއެއް އަޅައި، 30 އެނދުގެ ހޮސްޕިޓަލެއް އަޅައި، ސީޕްލޭން ޚިދުމަތް ފަށްޓަވާނެކަން ރައީސް އިޢުލާންކުރެއްވީވެސް އަންގާރަ ދުވަހުއެވެ.
(21 އޮގަސްޓް) މީގެ އިތުރުން މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު އއ. މާޅޮހުގައި ނިޔާވި އަބްދުއްރަޙްމާން އާދަމް ޒަޚަމްތަކަކާއެކު މަރުވެފައި އޮތްވާ ފެނުނު މައްސަލާގައި ތުހުމަތުކުރެވޭ 3 މީހެއްގެ ވަނަވަރު ހާމަކުރީ ނިމުނު ބުރާސްފަތި ދުވަހުއެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް، ރައީސްގެ ދަތުރުފުޅުގެ އިތުރުން ސިޔާސީ، އިޤުތިޞާދީ، އަދި ޢުމްރާނީ ތަރައްޤީގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް ހިނގާދިޔައެވެ.