ޚަބަރު

ޔޫކްރެއިނުން ރަޝިޔާ ބަލި ކުރާނެ, އެހީ އިތުރު ކުރާނަން: ބައިޑަން


ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާގެ ސިފައިން ބަލިކޮށް, ޔޫކްރެއިންގެ ފައުޖުން އެ ޤައުމުގެ މިނިވަން ކަމާއި ސިޔާސަތު ދަމަހައްޓާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ކުރިއަށްދާ ނޭޓޯގެ ސަމިޓުގައި ބައިޑަން އެ މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ, އޭނާގެ އުމުރު ދޮށިވުމުން ވެރި ކަމުގައި ދެމިހުންނަވަން ނުކުޅެދިފައިވާ ކަމަށް ބުނާ އަޑުތައް ގަދަވަމުންދާ ދަނޑިވަޅެއްގައި, އެ އަޑުތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އުމުރުން 81 އަހަރުގެ ބައިޑަންގެ އުމުރާ ގުޅިގެން ސުވާލު އުފައްދަން ފަށާފައި ވަނީ, ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސީއެންއެނުން އިންތިޒާމު ކޮށްގެން ބޭއްވި ބަހުސްގައި ބައިޑަންގެ ފުށުން ފެނިގެން ދިޔަ މަންޒަރުތަކާ ގުޅިގެންނެވެ. އިންތިޚާބުގައި އޭނާއާ ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަހުސްގައި އަމާޒު ކުރެއްވި ތުހުމަތުތަކަށް ބައިޑަން ޖަވާބު ދެއްވާފައެއް ނުވެއެވެ. ޓްރަމްޕް ހެއްދެވި އިތުރުފުޅުތަކުގެ ތެދުދޮގު ސާފުކޮށް ދެއްވާފައެއް ނުވެއެވެ. އަދި, ބަހުސްގައި ބައިޑަން ފެނިގެން ދިޔައީ ވަރަށް ނެގިމަޑުކޮށެވެ.

އެ ކަމާ ގުޅިގެން ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީގެ އާންމު މެންބަރުންގެ އިތުރުން, ޤާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރާ މެންބަރުން ވެސް ވަނީ, ބައިޑަނަކީ ކުރިއަށް އޮތް އިންތިޚާބަށް އެންމެ އެކަށީގެންވާ ކެނޑިޑޭޓު ކަމާ މެދު ސުވާލު އުފައްދަން ފަށާފައެވެ. އޭގެ އިތުރުން, ޑިމޮކްރެޓިކް ޕާޓީއަށް ތާޢީދުކޮށް, ޚަރަދު ކުރާ ގިނަ ފަރާތްތަކުގެ ފަރާތުން ވެސް މި ފަދަ އަޑުތައް ވަނީ އިވެން ފަށާފައެވެ.

"[ރަޝިޔާގެ ރައީސް ވްލަޑިިމިޔަރ] ޕުޓިން ބޭނުން ވަނީ އެންމެ ކަމެއް, ހަމަ އެންމެ ކަމެއް, އެއީ ޔޫކްރެއިން އަޅުވެތި ކުރުން. އަދި, ދުނިޔޭގެ ޗާޓުން ޔޫކްރެއިން ފޮހެލުން. ޔޫކްރެއިނުން އެ ކަން ވިޔަކަ ނުދޭނެ. ޔޫކްރެއިނުން ރަޝިޔާ ހުއްޓުވާނެ،" ބައިޑަން ވިދާޅުވިއެވެ. ބަހުސަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ސިޔާސަތުތައް ހާމަ ކުރައްވައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ "މިއަދު, އިހުނަށްވުރެ ނޭޓޯގެ ބާރުގަދަ ވެފައިވާ" ކަމުގައެވެ.

ނޭޓޯގެ ބައްދަލުވުމުގައި ބައިޑަން ދެއްވި ތަޤުރީރާ އެކު, އޭނާގެ އުމުރާ ގުޅިގެން އުފައްދަމުންދާ ސުވާލުތަކަށް ނިމުމެއް އަންނާނެ ކަމަށް ވައިޓް ހައުސުން އުންމީދު ކުރެއެވެ. ނަމަވެސް, ނޭޓޯގެ ސަމިޓުގައި ބައިވެރިވި ޚާރިޖީ ދާއިރާގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ ބަހުސްގައި ފެނިގެން ދިޔަ ބައިޑަނަށް އެމެރިކާގެ ވެރިކަމާއި ނޭޓޯ ހިންގުމުގެ ޒިންމާތައް އަދާ ކުރެވޭނެ ކަމާ މެދު ސުވާލު އުފައްދާފައެވެ.

ކުރިއަށް އޮތް ދައުރުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ބޭރު ޤައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރައްވަން ކަމުގައި ބައިޑަން ވަނީ ހާމަ ކުރައްވާފައެވެ. އަނެއްކޮޅުން, އޭނާއާ ވާދަ ކުރައްވާ 78 އަހަރުގެ ޓްރަމްޕް ވަނީ އެމެރިކާ އިސްކުރާ ޚާރިޖީ ސިޔާސަތެއް ކުރިއަރުވާނެ ކަން އިޢުލާނު ކުރައްވާފައެވެ.

ޓްރަމްޕް ވިދާޅުވީ ނޭޓޯގެ މެންބަރު ޤައުމަކަށް ޙަމަލާއެއް ދީފި ނަމަ, އެ ޤައުމެއްގެ ދިފާޢުގައި އެމެރިކާއިން ތެދުނުވާނެ ކަމުގައެވެ. އަދި, ޖީޑީޕީގެ 2 އިންސައްތަ ނޭޓޯގެ ކުރިއެރުމަށް ޚަރަދު ނުކުރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ވެސް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ. އޭގެ އިތުރުން, އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ ހަތިޔާރާއި އެހީއާ މެދު ވެސް ޓްރަމްޕް ވަނީ ސުވާލު އުފައްދަވާފައެވެ.

ނަމަވެސް, ބައިޑަން އިސްވެ މިހާރު ބާއްވަމުންދާ ނޭޓޯގެ ސަމިޓުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ޔޫކްރެއިނަށް އެ އިއްތިހާދުން ފޯރުކޮށްދެމުންދާ އެހީތެރިކަން އިތުރު ކުރުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ނޮވެންބަރު 5ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ނަތީޖާއާ އެކު ނޭޓޯއާއި ވިލާތުގެ ޤައުމުތަކުގެ އިތުރުން ދުނިޔޭގެ އެހެން ސަރަޙައްދުތަކާ އެކު އެމެރިކާއިން ބާއްވާ ޚާރިޖީ ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.