ޚަބަރު

ސްޕެއިން ފެނުނީ ހުރިހާ ގޮތަކުން މާވަރުގަދަކޮށް: ޑެޝޯމްޕްސް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ރޭ ސްޕެއިން އަތުން 2-1 އިން ބަލިވި މެޗަށްފަހު، ދެއްކި ވާހަކައިގައި ފްރާންސްގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ބުނީ، މެޗުގައި ފްރާންސަށް ކުރީން ލީޑްނެގުމުން އުފާވިނަމަވެސް، ސްޕެއިނުން މުޅި މެޗުގައި ފެނުނީ އޭނާގެ ޓީމަށް ވުރެ ތަފާތު މޮޅުކޮށް ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސް ބުނީ، އޭނާ ބޭނުންވި ގޮތަށް ފްރާންސަށް ނުކުޅެވުނު ކަމަށާއި، އެކަމަކު މެޗު ނިމެންދެން ގޮތްދޫނުކޮށް އެ ޓީމުން މަސައްކަތްކުރި ކަމަށެވެ.

"މެޗުގައި އަހަރެމެން ކާމިޔާބުކުރި ގޯލާއެކު ކުރީން ލީޑްނެގުމުން އަހަރެން ވަރަށް އުފާވި،" ޑެޝޯމްޕްސް ބުންޏެވެ.

މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފްރާންސް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއް ދެ މެޗުން އެއްވަރުވިއިރު، އެ ތިން މެޗުގައި އެ ޓީމުން ކާމިޔާބުކުރީ ދެ ގޯލްގެ ތެރެއިން އެއް ލަނޑަކީ އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަނެއް ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.

ނޮކްއައުޓް ބުރުގައި ކުޅުނު ތިން މެޗުގައި ވެސް އެ ޓީމަށް ޖެހުނީ އެންމެ ދެ ލަނޑެވެ. އޭގެތެރެއިން އެއް ގޯލަކީ ވެސް އިދިކޮޅު ޓީމުގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ދެން ޖެހި ގޯލް ފެނިގެންދިޔައީ ސްޕެއިނާ ދެކޮޅަށެވެ. އެއީ މުބާރާތުގައި އޯޕަން ޕްލޭގައި ފްރާންސުން ކާމިޔާބުކުރި ހަމައެކަނި ގޯލުވެސް މެއެވެ.

ފްރާންސަށް ލަނޑުޖެހުމުގައި ދިމާވި ގޮންޖެހުންތަކާއެކުގައި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރެވުނު ކަމަށާއި، ސްޕެއިނާ ދެކޮޅަށް ކޯލޯ މުއާނީގެ ފަރާތުން ގޯލެއް ފެނުމުން ހިތްހަމަޖެހުމެއް ލިބުނު ކަމަށް ޑެޝޯމްޕްސް ބުންޏެވެ. އަދި ސްޕެއިން މެޗުގައި ފެނުނު ގޮތަށް ގޯލް ކުރިމަތީގައި އޭގެ ކުރީ މެޗުތަކުގައި ތަންކޮޅެއް ރަނގަޅަށް ނިންމާލެވުނުނަމަ އެ ހާލަތަށް ނާންނާނެ ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފައެވެ.

ނިންމާލަމުން ޑެޝޯމްޕްސް ބުނީ، ފްރާންސް ޓީމުގައި ވެސް ޒުވާން ކުޅުންތެރިން އެބަތިބި ކަމަށާއި މުސްތަގުބަލަށް އެކަމުގެ ސަބަބުން ނުހަނު ފައިދާކުރާނެ ކަމަށެވެ.

ފްރާންސްގެ ޑިފެންޑަރު، ވިލިއަމް ސަލީބާ ބުނީ، ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި، އެއަށްވުރެ ރަނގަޅަށް ސްޕެއިން މެޗުގައި ކުޅެވެން ވާނެ ކަމަށެވެ. ކުރީން ލަނޑުޖެހިނަމަވެސް އެ ޓީމަށް ދެ ގޯލްޖަހަން ފުރުޞަތުދިނީ ކަމަށް ވެސް ސަލީބާ ބުންޏެވެ. އެހެންނޫނަސް، މެޗުގައި ސްޕެއިނުން ފެނުނީ ހުރިހާ ގޮތަކުން ފްރާންސަށް ވުރެ މޮޅުކޮށް ކަމަށާއި، އެކަން އޭނާ ގަބޫލުކުރާ ކަމަށް ވެސް ސަލީބާ ވަނީ ބުނެފައެވެ.