ޚަބަރު

150އަށްވުރެ ގިނަ މަންދޫބުންނާއެކު އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ފަށައިފި


  • މިބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑިވްސްގައި

  • ޖުމްލަ 27 އެއަރލައިން އަދި 17 އެއަރޕޯޓަކުން ބައިވެރިވެފައިވޭ

  • ނެޓްވޯރކިންގެ ޚާއްސަ އިވެންޓެއް ކްރޮސް ރޯޑްސްގެ ސައީ ލެގޫން މޯލްޑިވްސްގައި ކުރިއަށްދާނެ

ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ އިސް މަންދޫބުން ބައިވެރިވާ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ފަށައިފިއެވެ. އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑިވްސްގައެވެ.

ޖުމްލަ 27 އެއަރލައިން އަދި 17 އެއަރޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން މިކޮންގްރެސްގައި ބައިވެރިވެއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ އެކި ހަރަކާތްތައް 3 ރިސޯޓެއްގަައި ކުރިއަށް ގެންދާނެއެވެ. އެގޮތުން ކޮންގްރެސްއަށް އަންނަ މަންދޫބުންނަށް މަރުހަބާ ކިޔުމަށް ބާއްވާ ޚާއްސަ އިވެންޓް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ވަނީ އަންގާރަ ދުވަހު ހަވީރު ބާއްވާފައެވެ.

މި ހަފްލާގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ މިފަދަ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަަކަދައްކަވާފައެވެ. އެގޮތުން ދާއިރާގެ ފަރާތްތަކުގެ ގުޅުންތައް ބަދަހިވެ، ގުޅިގެން ދުނިޔޭގެ އޭވިއޭޝަން ސިނާއަތް ކުރިއެރުވުމަށް މިފަދަ ބައްދަލުވުމުގެ ސަބަބުން ފުރުސަތު ފަހިވެގެންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފްވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ.

"ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢާއެކު، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ، އަމާޒަކީ ދަތުރުވެރިންނަށް ފަސޭހަ އަދި ހިތްގައިމު ޚިދުމަތްތަކެއް ދިނުން، އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އެއަރޕޯޓަކަށް ހެދުން،" ޝަރީފް ވިދާޅުވިއެވެ.

މި ހަފްލާގައި ގްލޯބަލް ޓްރެވަލް އިންވެސްޓްމަންޓުގެ ޗެއަރމަން މައިކް ހޯވާތު ވިދާޅުވީ ރާއްޖެ އަކީ ހިތްގައިމު މަންޒިލެއް ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ކުރިމަގުގައި އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ޤަބޫލުކުރާކަމަށެވެ.

"ދުނިޔޭގައި ރާއްޖެ އޮންނަ ހިސާބަކީ ވަރަށް ހިތްގައިމު ހިސާބެއް، ކުރިމަގުގައި އޭވިއޭޝަންގެ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، މިއާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތައް އަންނާނެކަމަށް ބެލެވޭ،" މައިކް ވިދާޅުވިއެވެ.

ނެޓްވޯރކިންގެ ޚާއްސަ އިވެންޓެއް ކްރޮސް ރޯޑްސްގެ ސައީ ލެގޫން މޯލްޑިވްސްގައި ކުރިއަށްދާނެއެވެ. އަދި ގޮންގްރެސްގެ ރަސްމީ ބައިތައް އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ކުރުނބާ މޯލްޑިވްސްގައެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއާއެކު ރާއްޖޭގައި ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މިސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެއެވެ. މިއާއެކު މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ފުރުސަތު ފަހިވެގެން ދާނެއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް މިއަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނުކަން އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރު ސެން ފްރެންސިސްކޯގައި ބޭއްވި ކޮންގްރެސްގައެވެ.

2010 ވަނަ އަހަރުންފެށިގެން ބާއްވަމުން އަންނަ މި ކޮންގްރެސް ވަނީ އެމެރިކާ، އިނގެރޭސިވިލާތް އަދި ދުބާއީގައިވެސް ބާއްވާފައެވެ.