ޚަބަރު

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ މިމަހު 21ގައި ބާއްވަނީ


  • ކުރިއަށް އޮތް 2 އަހަރަށް ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަން ކުރާނެ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ މިމަހު ބާއްވަން ނިންމައިިފިއެވެ.

އެމްޓީޑީސީން ވަނީ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ ހިއްސާދާރުންނަށް ދައުވަތު އަރުވާފައެވެ.

އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 21 ވަނަ ދުވަހުގެ ރޭ 21:00 ޖަހާއިރު މެންހެޓަން ބިޒްނަސް ހޮޓެލްގައެވެ.

ޖަލްސާގައި 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2023 ވަނަ އަހަރު ބޭއްވި އެކްސްޓްރާ އޯޑިނަރީ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2023 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމުގެ އިތުރުން 2024 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން އައްޔަންކުރުމާއި އުޖޫރަ ކަނޑައަޅާނެއެވެ. އަދި ހިއްސާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމާނެއެވެ.

ޖަލްސާގެ ތެރެއިން ކުރިއަށް އޮތް 2 އަހަރަށް ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރާނެއެވެ. އެމްޓީޑީސީން ބުނީ ޖަލްސާގައި ބައިވެރިވެވޭނީ 17 ޖުލައި 2024 ވާ ބުދަ ދުވަހުގެ 12:00 ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ މީހުންނަށް ކަމަށެވެ. ޕްރީ ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 19 ޖުލައި 2024 ވަނަ ދުވަހުގެ ރޭ 21:00 އެވެ.

ޖަލްސާއަށް ހާޒިރުވެގެން ބައިވެރިވާ ހިއްސާދާރުން ޕްރ-ީރަޖިސްޓްރީ ކުރުމުގެ ބަދަލުގައި 21 ޖުލައި 2024 ވަނަ ދުވަހުގެ ރޭ 19:30 އިން ފެށިގެން 20:45 އާ ހަމައަށް ޖަލްސާކުރާ މާލަމަށް ހުންނަ ރަޖިސްޓްރޭޝަން ކައުންޓަރ މެދުވެރިކޮށް ޖަލްސާއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފައެވެ.

ހިއްސާދާރުގެ ބަދަލުގައި ޖަލްސާގައި ބައިވެރިވުމަށް ޕްރޮކްސީ އައްޔަން ކުރެވޭނީ ކުންފުނީގެ ޝެއަރ ޕޯރޓަލްއާއި އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް އެކަނި ކަމަށާއި އެއްވެސް ކަހަލަ ފިޒިކަލް ޑޮކިއުމަންޓެއް ނުވަތަ އީމެއިލްއެއް ބަލައިނުގަންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ޖަލްސާގައި ބައިވެރިވުމަށްވެސް ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހެއެވެ.

2010 ވަނަ އަހަރުން ފެށިގެން އެމްޓީޑީސީ ހިންގަމުން އައިސްފައިވަނީ ގެއްލުމުގައެވެ. އެހެންނަމަވެސް ކުންފުނި ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު އެމްޓީޑީސީއަކީ މިހާރު ފައިދާވާ ކުންފުންޏެކެވެ. އެމްޓީޑީސީގެ އާމްދަނީ މައިގަނޑުގޮތެއްގައި ބިނާވަނީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫ ކުއްޔަށް ދީގެން ލިބޭ އާމްދަނީއެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.