ޚަބަރު

ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 93 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މިއޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށްދާނެކަމަށް ސަރުކާރުން ވިދާޅުވޭ

  • ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ގެނައުމަށް ދަނީ މަސައްކަތްކުރަމުން

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދިޔަ 93 ބިދޭސީއަކު މިހާތަނަށް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މީގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ހިއްސާކުރަމުން އިމިގްރޭޝަނުން ބުނީ ދިވެހީންނަށް ކުރެވޭ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ 93 ބިދޭސީއަކު އެއިދާރާގެ ބެލުމުގެ ދަށަށް މިހާތަނަށް ގެންގޮސްފައިވާކަމަށެވެ. މީގެ ތެރޭގައި މިދިޔަ ޖޫންމަހުގެ ނިޔަލަށް ހިފެހެއްޓި 69 ބިދޭސީން ހިމެނެއެވެ. މީގެ އިތުރުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރުމުގެ މައްސަލައިގައި މިމަހުގެ މިހާތަނަށް 24 ބިދޭސީއަކުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގައި މިވަގުތު ތިބި ބިދޭސީން ގަވާއިދަށް ފެއްތުމަށްދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަމުންދާނެ ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީވެސް ޤާނޫނީ ކުށެއް ކަމަށާއި، އެފަދަ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދުވަނީ ދެއްވާފައެވެ.

ޝަމްޢާން ވިދާޅުވީ، އިމިގްރޭޝަން ޤާނޫނުގެ ދަށުން ރާއްޖޭގައި ބިދޭސީންނާއެކު ފައިސާ މުޢާމަލާތްތައް ހިންގުމާއި، މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއެއް ލައްވާ އެއްވެސް މަސައްކަތެއް ކުރުވުމަކީ ޤާނޫނީ ކުށެށްކަމަށެވެ. އަދި މިކަމުގެ އަދަބު ޤާނޫނުން ކަނޑައެޅިފައިވާކަން ޝަމްޢާންވަނީ ހަނދާން ކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިޙްތިޔާރު އިމިގްރޭޝަން ކޮންޓްރޯލަރއަށް އޮންނަ ކަމަށެވެ. އެގޮތުން އެ ފަރާތްތައް 50،000އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަައިނާ ކުރުމާއި، އެ މީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ލިބިދޭކަން ޝަމްޢާން ފާހަގަކުރެއްވިއެވެ. ޝަމްއާންވަނީ އިމިގްރޭޝަން ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ ޕްރޮގްރާމް މިމަހުގެ ފަހުކޮޅު ސިޓީ އަދި ރަށު ކައުންސިލްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ކޮންމެ ބިދޭސީއަކަށްވެސް ޒިންމާވާނެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ދިވެއްސަކު ހުންނާނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިމަސައްކަތް ނިމުމަށްފަހު ރަނގަޅު ނިޒާމެއްގެ ތެރެއިން ބިދޭސީންގެ ކަންކަން ކުރިއަށްގެންދިޔުމުގެ ޖާގަ ފަހިވުމުންވެސް ގަވާއިދަށް ނޫޅޭ ބިދޭސީންނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް މީހުން އެތެރެކުރުމުގައި އެއްވެސް ފަރާތަކުން ޝާމިލުވާނަމަ އެފަރާތަކާމެދުވެސް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތުން ސަރުކާރުން މިހާރުދަނީ ބިދޭސީން ރާއްޖެއަށް އެތެރެކުރެވޭނެ އެޖެންސީތައް ރޭންކްކޮށް އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން އެކަން ކުރެވޭ ފަރާތްތައް ދެނެގަނެ އެފަރާތްތައް އާއްމުންނާއި ވިޔަފާރިތަކަށް އެނގެން ހުންނާނެ އިންތިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.